ހުޅުމާލެ ދެވަނަ ފިޔަވަހީގައި، މި ސަރުކާރުން ކުރިއަށްގެންދާ 4000 ހައުސިން ޔުނިޓުގައި ހިމެނޭ އިމާރާތްތަކުގެ ތެރެއިން ބައެއް އިމާރާތްތަކުގެ ފިނިޝިން މަސައްކަތް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރަށް ތާއީދުކުރައްވާ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރެއްވި ސުވާލަކަަށް ޖަވާބު ދެއްވަމުންނެވެ.
އިންތި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ސަރުކާރުން ''ޑަމީ ބެޑްރޫމެއް'' ދެއްކި ކަމަށާއި ނަމަވެސް އެ ދުވަސްވަރު ގޮސްފި ކަމަށެވެ. އެހެންވެ، އެ ޕްރޮޖެކްޓްގައި ކިތައް ޝީޓް އެޅިއްޖެތޯއާއި ތަނުގެ ނުނިމި ކިހާ މަސައްކަތެއް އެބަހުރިތޯއާއި ކިތައް ޝީޓް އަޅަންޖެހޭތޯ އިންތި ސުވާލުކުރެއްވިއެވެ.
''ޑަމީ ބެޑްރޫމެއް'' ކަމަށް އިންތި އެ ވިދާޅުވީ، 4،000 ފްލެޓްގެ މައުލޫމާތު އާއްމުންނަށް ދިނުމަށްޓަކައި، ފަރުނީޗަރު އަތުރައިގެން ހެދި ނަމޫނާ ފްލެޓަށް އިޝާރާތްކުރައްވައެވެ.
"ޑަމީއެއް" ކަމަށް އިންތި ނަމަވެސް އެއީ "މޮކްއަޕް" އެއްކަން އޮޅުންފިލުވައިދެއްވަމުން އަސްލަމް ވިދާޅުވީ، އެ މަޝްރޫއުގައި ހިމެނޭ ބައެއް އިމާރާތްތައް ނިމި އޭގެ ތެެރެއިން ބައެއް އިމާރާތްކުގެ ފިނިޝިން މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެތަންތަނުގައި ހުރީ ކިތައް ޝީޓްކަން އެނގިނުލައްވާ ކަމަށް ވިދާޅުވިއެވެ.
"އެގްޒެކްޓްލީ އަޅުގަނޑަކަށް ނޭނގެ ހައުސިން ކިތައް ޝީޓްކަން އެޅިފައި ހުރީ. ހަމަ ޔަގީނުންވެސް އަޅުގަނޑަށް ޔަގީން ކަމާއެކު ދަންނަވަން ކެރޭނެ ރަނގަޅު މިންވަރެއްގެ ޕްރޮގްރެސް އެބަހުއްޓޭ. ކޮންކްރީޓް މަސައްކަތް ނިމި އޭގެ ތެރެއިން ބައެއް އިމާރާތްކުގެ ފިނިޝިން މަސައްކަތްވެސް އެބަ ކުރިއަށްދޭ،" އަސްލަމް ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4000 ހައުސިން ޔުނިޓުގެ ދަށުން ހަދާނީ 18 ބުރީގެ 32 ޓަވަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު