މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް ހަދާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ދެހާސް އަށާރަވަނަ އަހަރު ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއިން ކެމިކަލް ގުދަންތައް ބޭރުކުރަން ގަވާއިދެއް ވަނީ ހަދައިފައެވެ. ގަވާއިދާ އެއްގޮތަށް މާލޭގައި ހުރި ކެމިކަލް ގުދަންތައް ވަނީ ތިލަފުށްޓަށާއި ހުޅުމާލެއަށް ބަދަލުކޮށްފައެވެ.
ނަމަވަސް އިއްޔެ ސޯޝަލް މީޑިއާގައި އާންމުންގެ ފަރާތަކުން ވަނީ މާލޭ ގެއެއްގައި ހިންގަމުން އައި ކެމިކަލް ގުދަނުގެ ފޮޓޯއެއް އާންމުކޮށްފައެވެ.
އެ ކެމިކަލް ގުދަނާ ބެހޭގޮތުން އެމްއެންޑީއެފުން މިއަދު ބުނީ، ކެމިކަލް ގުދަން ހުރިކަމުގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން ވަނީ އެތަނުގެ އިނީޝިއަލް އިންސްޕެކްޝަނެއް ހަދާފައި ކަމަށެވެ.
"އަދި މިތަނުގައި ގަވާއިދާ ހިލާފަށް ބައެއް އެއްޗެހި ގުދަން ކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ މިކަން ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެވި ފުލުހުން މިކަމަށް އެޓެންޑްވަމުންދާކަމުގައި ދަންނަވަން،" އެމްއެންޑީއެފުން ބުންޏެވެ.
މާލޭގައި މިހާރު ކެމިކަލް ގުދަކުރުމަކީ މަނާކަމެކެވެ. ގަވާއިދާ ހިލާފަށް ހިންގަމުން ދިޔަ އެ ކެމިކަލް ގުދަނުގެ ފޮޓޯ އާންމުވުމާއެކު ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޚަބަރު
ޚަބަރު