ގިނަ ބަޔަކު ޝާމިލުވާގޮތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިއުމަން ޓްރެފިކް ކުރުމުގައި ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ވެންކަޓަރަމަނާ ޕައްލާ (20އ) ކިޔާ އެ މީހާ ހައްޔަރުކޮށްފައިވަނީ މާލޭގައި ހިންގާ ހ. ސަލީމް ގެސްޓުހައުސްއިން މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

ޕައްލާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ 15 ދުވަސް ޖަހާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މި މުއްދަތު ހަމަވުމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހާފައެވެ.

ޕައްލާ ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާއަކީ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއް ކަމަށެވެ. ހިއުމަން ޓްރެފިކް ކުރަން އުޅުން ނުވަތަ ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށަށް ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ މިންވަރަށް ހެކިހުށަހަޅާފައިވާ ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ. އަދި އޭނާއަށް ތުހުމަތު ކުރަނީ ޖިނާއީ ބޮޑުކުށެއް ކަމަށެވެ.

އެ އަމުރުގައި ބުނެފައިވަނީ ޕައްލާ ދޫކޮށްލައިފި ނަމަ ފިލުވުމުގެ ފުރުސަތާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން އޭނާ ބަންދުގައި ބަހައްޓަން ނިންމީ ކަމަށެވެ.

އޭގެ އިތުރުން އެއީ ގިނަ ބަޔަކު ޝާމިލުވެގެން އިންތިޒާމުވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުށުގެ އަމަލުތައް ހިމެނޭގޮތަށް ހިންގަމުންދާ ކުށެއް ކަމަށް ބެލެވޭ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.