ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ބައްދަލުކުރައްވައިފިއެވެ.
އުއްޗުގެ ރިސޯޓެއް ކަމަށްވާ ޗަމްޕާ ގިރީގައި މިއަދު ރައީސް ސޯލިހާއި އުއްޗު ބައްދަލުކުރެއްވީ ރޯދަ ވީއްލުމަކުންނެވެ. އެ ބައްދަލުވުމުގައި އުއްޗު ވަނީ ރައީސް ސޯލިހަށް "އިބޫ 23" ޖަހާފައިވާ ޖާޒީއެއް އަރުވައިފައެވެ.
އެ ބައްދަލުވުމުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ރައީސް ސޯލިހަށް ތާއިދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމަށްފަހު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އެކި ގޮތްގޮތަށް މާނަކުރަމުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ދެކޭގޮތުގައި ރައީސް ސޯލިހަށް ޖާޒީއެއް އަރުވާފައިވަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސަށް އުއްޗު ތާއީދުކުރައްވާކަން އިއުލާންކުރުމުގެ ގޮތުންނެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް، މީގެ ކުރިން ރައީސް ސޯލިހުގެ މަންދޫބުން ވެސް އުއްޗުއާއެކު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އޭގެ އިތުރުން އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުންވެސް ވަނީ އުއްޗުއާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް ސޯލިހު ވާދަކުރައްވާ އިރު، ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ގެންދަވަނީ ޖުމްހޫރީ ޕާޓީއާއެކު ރިޔާސީ އިންތިހާބުގެ މަސައްކަތް ކުރައްވަމުންނެވެ.
ރައީސް ސޯލިހު މިފަހަރު އިންތިހާބުގައި ވާދަކުރައްވަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ހިމެނޭ ކޯލިޝަންއާއެކުއެވެ. މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިއެއް ނަމަވެސް، އެ ޕާޓީން އަދި ރައީސް ސޯލިހަށް ތާއިދުކުރުމާ މެދު ގޮތެއް ނުނިންމައެވެ.
ޖުމްހޫރީ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ގައުމީ ކޮންފަރެންސް އިން ފާސްކުރި ފަހުން ވެސް ރައީސް ސޯލިހުގެ މަންދޫބުން ވަނީ ތިން ފަހަރެއްގެ މަތިން އެ ޕާޓީއާއެކު މަޝްވަރާކޮށްފައެވެ. އެ މަޝްވަރާތަކުގެ ތަފުސީލެއް އަދި އެއްވެސް ޕާޓީއަކުން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު