ރާއްޖޭގައި 382،751 ދިވެހިންނާއި 132،371 ބިދޭސީން ދިރިއުޅެމުންދާ ކަމަށް ބޯހިމެނުމުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ވަނީ މިދިޔަ އަހަރު މުޅި ރާއްޖޭގައި ބޯހިމެނުން ކުރިއަށް ގެންގޮސްފައެވެ. އަދި އިއްޔެ ވަނީ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އާންމުކޮށްފައެވެ.
ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި 515،122 މީހުން ދިރިއުޅެއެވެ. އޭގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 195،053 ދިވެހިންނާއި 187،698 އަންހެނުންނެވެ. އަދި ބިދޭސީ އާބާދީއަކީ 117،460 ފިރިހެނުންނާއި 14،911 ބިދޭސީންނެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 74 އިންސައްތަ މީހުންނަކީ ދިވެހިން ކަމަށްވާ އިރު، 26 އިންސައްތަ މީހުންނަކީ ބިދޭސީންނެވެ.
އާބާދީގެ އަދަދުތަކުން ދައްކާގޮތުން ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނުންގެ މާބޮޑު ފަރަގެއް ނެތެވެ. ބިދޭސީ ފިރިހެނުންނަށް ވުރެ ގިނައީ 77،593 ދިވެހި ފިރިހެނުންނެވެ.
ރާއްޖޭގައި ބިދޭސީންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރަނީ 20 އަހަރާއި 44 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. އަދި 25 އަހަރާއި 39 އަހަރާ ދެމެދުގެ ބިދޭސީ ފިރިހެނުންގެ އަދަދު، ދިވެހި ފިރިހެނުންނަށް ވުރެ ގިނަ ކަމަށް ބޯހިމެނުމުގެ ނަތީޖާއިން ދައްކައެވެ.
ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅެނީ 25 އަހަރާއި 29 އަހަރާ ދެމެދުގެ 18،398 ދިވެހި ފިރިހެނުންނާއި 27،311 ބިދޭސީ ފިރިހެނުންނެވެ. 30 އަހަރާއި 34 އަހަރާ ދެމެދުގެ 20،671 ދިވެހި ފިރިހެނުންނާއި 28،155 ބިދޭސީ ފިރިހެނުން ދިރިއުޅޭ އިރު، 35 އަހަރާއި 39 އަހަރާ ދެމެދުގެ ދިރިއުޅެނީ 19،156 ދިވެހި ފިރިހެނުންނާއި 22،851 ބިދޭސީ ފިރިހެނުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި، ރިސޯޓުތަކުގައި ވެސް ދިވެހިންނަށްވުރެ ބިދޭސީން މަސައްކަތްކުރާ އަދަދު އިތުރެވެ. ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓުތަކުގައި 52،396 މީހުން މަސައްކަތްކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 36،707 ބިދޭސީންނާއި 15،689 ދިވެހިންނެވެ. މީގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 12،164 ބިދޭސީން މަސައްކަތްކުރެއެވެ. އަދި ސިނާއީ ރަށްރަށުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދަކީ 1،677 އެވެ.