ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި، ރިސޯޓުތަކުގައި ދިވެހިންނަށްވުރެ ބިދޭސީން މަސައްކަތްކުރާ އަދަދު އިތުރު ކަމަށް ބޯހިމެނުމުން ދައްކައިފިއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ވަނީ މިދިޔަ އަހަރު މުޅި ރާއްޖޭގައި ބޯހިމެނުން ކުރިއަށް ގެންގޮސްފައެވެ. އަދި އިއްޔެ ވަނީ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އާންމުކޮށްފައެވެ.
ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓުތަކުގައި 52،396 މީހުން މަސައްކަތްކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 36،707 ބިދޭސީންނާއި 15،689 ދިވެހިންނެވެ. އެއީ 70 އިންސައްތަ ބިދޭސީންނާއި 30 އިންސައްތަ ދިވެހިންނެވެ.
މީގެ އިތުރުން ބޯހިމެނުމުން ދައްކާގޮތުގައި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 12،164 ބިދޭސީން މަސައްކަތްކުރެއެވެ. އަދި ސިނާއީ ރަށްރަށުގައި މަސައްކަތްކުރަނީ 1،677 ދިވެހިންނެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީ ވެސް ނިސްބަތުން ބޮޑެވެ. ރާއްޖޭގައި ދިރިއުޅޭ ޖުމުލަ އާބާދީއަކީ 515،212 އެވެ. އޭގެ ތެރެއިން 74 އިންސައްތަ މީހުންނަކީ ދިވެހިން ކަމަށްވާ އިރު، 26 އިންސައްތަ މީހުންނަކީ ބިދޭސީންނެވެ. ރާއްޖޭގައި ދިރިއުޅެނީ 382،751 ދިވެހިންނާއި 132،371 ބިދޭސީން ކަމަށް ބޯހިމެނުމުގެ ނަތީޖާއިން ދައްކައެވެ.