އިޒްރޭލުގެ އަދުލުއިންސާފުގެ ދާއިރާއަށް ސަރުކާރުން ގެންނަން މަސައްކަތްކުރާ ބޮޑެތި ބަދަލުތަކާ ގުޅިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހޫނުފެނަށް ވެއްޓިފައެވެ. ރައްޔިތުން ވަނީ މުޒާހަރާކުރަން ފަށައިފައެވެ. މިއީ 1948 ވަނަ އަހަރުގެ މެއި 14 ވަނަ ދުވަހު އިޒްރޭލުގެ ދައުލަތް ގާއިމްކުރެވުނުފަހުން މިހާތަނަށް ތަމްސީލުވި އެންމެ ބޮޑެތި މުޒާހަރާތަކެވެ. ޓެލަވީވާއި ގުދުސްގައި މުޒާހަރާތައް ވަކިން ވަރުގަދައެވެ. އިޒްރޭލުގެ ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސިފައިންވެސް ބޮޑުވަޒީރާ ދެކޮޅެވެ. އަދި ރައީސްވެސް ދެކޮޅެވެ. މިހިސާބަށް ދިޔައީމާ މި އިސްލާހުތައް މަޑުޖައްސައިލަން ނަތަންޔާހޫއަށް ވަނީ މަޖުބޫރުވެފައެވެ. ސުވާލަކީ މިކަން އޭނާ ކުރައްވާނެ ބާވައެވެ. ކުރައްވައިފިއްޔާ ދެންވާނީ ކިހިނެއްބާވައެވެ. ގެންނަން އުޅެނީ ކޮން ބަދަލުތަކެއް ބާވައެވެ.
އިޒްރޭލުގެ ވެރިކަމަށް ނަތަންޔާހޫ މިފަހަރު ވަޑައިގެންނެވީ ހައްދުފަހަނަޅާފައިވާ ޕާޓީތަކުގެ މައްޗަށް އެކުލެވޭ ކޯލިޝަނެއްގެ ތެރެއިންނެވެ. ކެމްޕޭނުގެ ވައުދުތަކުގެ ތެރެއިން އެއް ވައުދަކީ ފަނޑިޔާރުގޭގެ ފިޔަ ކޮށައިލުމުގެ ވައުދެވެ. ނަތަންޔާހޫ އާއި އޭނާގެ ބައިވެރިން ގަބޫލުކުރާ ގޮތުގައި މިހާރު ފަނޑިޔާރުގޭގެ ބާރު މާވަރުގަދައީއެވެ. އެކަން އެހެން އޮވެގެން ވެރިކަންކުރަން ދައްޗެވެ. ގެންނަން ޚިޔާލުކުރާ އެއްބަދަލަކީ ޕާލަމެންޓާއި ބޮޑުވަޒީރުގެ ނިންމުންތަކާ ދެކޮޅުހަދައި މަންސޫޚު ކުރުމުގެ ބާރު ފަނޑިޔާރުގެއިން ނިގުޅައިގަތުމެވެ. ސްޕްރީމް ކޯޓުގެ ނިންމުންތައް ބާތިލްކުރުމުގެ ބާރު ޕާލަމެންޓަށް ދިނުމެވެ. އަދި ގާނޫނުތައް ތަރުޖަމާކުރުމާއި މުރާޖައާކުރުމުގެ ބާރު ސްޕްރީމްކޯޓުން ނިގުޅައިގަތުމާއި ފަނޑިޔާރުން އައްޔަންކުރުމުގެ ބާރުވެސް ސަރުކާރަށް ދިނުމެވެ.
ކެބިނެޓުގެ ތެރެއިން އެންމެ ފުރަތަމަ އޭނާއާ ދެކޮޅަށް ތެދުވެގަތް ވަޒީރަކީ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓެވެ. ހޮނިހިރުދުވަހު އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަނޑިޔާރުގެއަށް އުނދުޅި ބޭނުމަށް ސަރުކާރުން ހިންގާ އަމަލުތަކުގެ ސަބަބުން ސިފައިންގެ ތެރޭގައި ނުހަނު ސީރިއަސް ބައިބައިވުންތަކެއް އުފެދިފައިވާ ކަމަށާއި އިޒްރޭލުގެ ސަލާމަތަށް ނުހަނު ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމުގައެވެ. މި ސަބަބާހެދި މި އިސްލާހުތަކާ އޭނާ ދެކޮޅު ކަމަށްވެސް ވިދާޅުވިއެވެ. ދިފާއީ ވަޒީރުގެ މި ބަޔާނަށް އެއްދުވަސްފަހުން ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އޭނާ މަގާމުން ވަކި ކުރައްވައިފައެވެ. މިކަން މިމަގުން ހިނގުމާއެކު އައު ބާރަކާއި ހިތްވަރަކާއެކު ރައްޔިތުން ވަނީ މަގުތަކަށް ނުކުމެފައެވެ. ކުރިން ގޮވަމުން ދިޔައީ އިސްލާހުތައް އަނބުރާ ގެންދިއުމަށެވެ. މިހާރު ގޮވަނީ ނަތަންޔާހޫ ވަކިކުރުމަށެވެ.
އިޒްރޭލުގެ އެންމެ ބޮޑު ލޭބަރ ޔޫނިއަނުންވެސް ވަނީ މުޒާހަރާއަށް ނުކުމެފައެވެ. ބޭނުމަކީ ގައުމު ހުއްޓުމަކަށް ގެނެސްގެންވިޔަސް މި އިސްލާހުތަކަށް ހުރަސް އެޅުމެވެ. އެނގިފައިވާ ގޮތުގައި އިޒްރޭލުގެ އެންމެ ބޮޑު އެއަރޕޯޓު ކަމަށްވާ ޓެލަވީވްގެ ބެންގޫރިއަން އެއަރޕޯޓުގެ އޮޕަރޭޝަންތައްވެސް މިހާރުވަނީ މެދުކެނޑިފައެވެ. އިޒްރޭލުގެ ރައީސް އިސާކް ހާރޒޮގް ވަނީ ލަސްނުކުރައްވައި މި އިސްލާހުތައް އަނބުރާ ގެންދެވުމަށް ބޮޑުވަޒީރު ނަތަންޔާހޫއަށް އިލްތިމާސް ކުރައްވައިފައެވެ. މިކަން މިމަގުން ނުކުރައްވާނަމަ ގައުމުގައި ދާޚިލީ ހަނގުރާމައެއް ފެށުމުގެ ބިރު ވަރަށް ބޮޑުކަމަށްވެސް ރައީސް ހާރޒޮގް ވަނީ ވިދާޅުވެފައެވެ. މިހިސާބަށް މިކަން ދިޔައީމާ ނަތަންޔާހޫ މިހާރު ހުންނެވީ އިސްލާހުތައް އަނބުރާ ގެންދެވުމަށް ވިސްނެވުމުގައި ކަމަށް އެނގިފައިވެއެވެ. އެކަމަކު އެއީ ފަސޭހަ ނިންމުމަކަށް ނުވާނެއެވެ.
އިސްލާހުތައް އަނބުރާ ގެންދަން ނަތަންޔާހޫއަށް ފަސޭހަނުވުމުގެ ސިއްރަކީ ކޯލިޝަނުގެ ތެރޭގައި މި އިސްލާހުތަކާއިގެން ކުރިއަށްދިއުމުގެ ވިސްނުން ބޮޑުކަމުންނެވެ. ކޮންމެ އަގެއް އަދާކޮށްގެންވިޔަސް އަދި ކޮންމެ ކަހަލަ ނަތީޖާއެއް ނުކުތަސް ކޯލިޝަނުގެ ގިނަ ބައިވެރިންތިބީ އިސްލާހުތައް ދަމަހައްޓާ ގޮތަށެވެ. ސަރުކާރަށް ދެމިއޮވެވޭނީ، އަދި ނަތަންޔާހޫއަށް މަގާމުގައި ދެމިހުރެވޭނީ ކޯލިޝަނުގެ ބައިވެރިން އޭނާގެ ފަހަތުގައި ތިބިއްޔާއެވެ. މި އިސްލާހުތައް ގެންދާނަމަ ސަރުކާރުން ވަކިވެދާނެ ކަމުގެ އިންޒާރުވެސް އެމީހުން ވަނީ ދޭންފަށައިފައެވެ. އިންޒާރުދިން ވަޒީރުންގެ ތެރޭގައި ނެޝަނަލް ސިކިއުރިޓީ މިނިސްޓަރާއި ޖަސްޓިސް މިނިސްޓަރުވެސް ހިމެނެއެވެ. ނަތަންޔާހޫގެ އަމިއްލަ ޕާޓީކަމަށްވާ ލިކޫޑް ޕާޓީވެސް މި މައްސަލައިގައި އޮތީ ހަމަޔަށް ދެބައިވެފައެވެ.
މިކަންކަން މިހެންހުރީމާ ދެން އެންމެ ކައިރިގޮތެއް ކަމަށް ފެންނަނީ އިސްލާހުތައް މިވަގުތަށް މަޑުޖައްސައިލުމެވެ. މަސްރަހު ކުޑަކޮށް އަލިވާގޮތްވީމާ އަނެއްކާވެސް އިސްލާހުތަކާއިގެން ތެދުވެގަތުމެވެ. އިސްލާހުތައް މުޅިން ބާތިލު އެއްޗަކަށް ހަދާނެ ކަމަށް ނުފެނެއެވެ. އެއީ ކޯލިޝަނުގެ ބައިވެރިންގެ މަސްލަހަތެެއްވެސް ނޫނެވެ. އަދި ނަތަންޔާހޫގެ އަމިއްލަ މަސްލަހަތުވެސް ތަންދޭކަމެއް ނޫނެވެ. މިހާރުވެސް ކޮރަޕްޝަނުގެ އެކިއެކި މައްސަލަތައް އިޒްރޭލުގެ އެކި ކޯޓުތަކުގައި އޭނާއާ ދެކޮޅަށް ކުރިއަށްދެއެވެ. މިކަންކަމުން އޭނާއަށް ސަލާމަތްވެވެން އޮތީ ފަނޑިޔާރުގޭގެ ފިޔަކޮށާލައިގެންނެވެ. އެހާ އަވަސްއަރުވާލައިގެން މިކަންކުރަން އުޅުނީވެސް އެހެންވެގެންނެވެ. ކޮންމެއަކަސް މި ޗަރުކޭހަކީ އިޒްރޭލުގެ ޑިމޮކްރަސީގެ އަނދިރިފަރާތް މުޅި ދުނިޔެއަށް ހާމަވެގެންދިޔަ ޗަރުކޭހެކެވެ.