ގާނޫނަަށް އިސްލާހު ގެނެސްގެން ފަސް އަހަރަށްވުރެ ގިނަ ދުވަސްވީ އުޅަނދު ރާއްޖެ އެތެރެ ނުކުރެވޭނެ ގޮތް ހަދަން ހުށަހަޅާފައިވާ ކަމަށް ޓްރާންޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާބެހޭ ގަވާއިދުތަކުގައި ހިމެނޭ ގަރާޖު ސިޓީގެ ސަބަބުން އުޅަނދުފަހަރު ރަޖިސްޓްރީކުރަން ދިމާވެފައިވާ މައްސަލަތަކާއި، އެންމެ ގަރާޖަކަށް ގިނަ އުޅަނދުފަހަރު ރަޖިސްޓްރީކޮށްފައިވާ މައްސަލައާ ގުޅިގެން، ޓްރާންސްޕޯޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ގެނެސް މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި، ގަރާޖު ސިޓީ އުވާލުމާ ބެހޭގޮތުން ކޮމިޓީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެކަން ކުރުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ކޮންމެ އަހަރަކު ރާއްޖެއަށް ވެހިކަލް އެތެރެކުރެވޭނެ ވަކި އަދަދެއް ކަނޑައަޅަން ޖެހޭ ކަމަށާއި، އެތެރެކޮށް ރަޖިސްޓްރީކުރެވޭނެ ވެހިކަލްގެ އުމުރެއްވެސް ކަނޑައަޅަންޖެހޭނެ ކަމަށެވެ. އެކަމަށްޓަކައި ޕަބްލިކް ޓްރާންސްޕޯޓް އިތުރަށް ވަރުގަދަވާން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރެވޭނެ އެއްގަމު އުޅަނދުތަކުގެ އުމުރެއް ކަނޑައެޅުމާއި އެކަމާބެހޭ އެހެނިހެން ކަންތައްތައް ހިމެނޭގޮތުން، ތަފްސީލީ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. ނަމަވެސް އަދި ވަޒީރުންގެ މަޖިލީހުން އެ ކަރުދާހަށް ގޮތެއް ނިންމާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާބެހޭ އިތުރު ތަފްސީލް ދެއްވަމުން، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވީ، އެ ކަރުދާހުގައި ކޮންމެ ރަށަކަށް އެތެރެކުރެވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމާއި، އަހަރީ ފީ ދެއްކުމާ ގުޅޭ ކަންތައްތައްވެސް ހިމެނޭ ކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި އުޅަނދު ރާއްޖެ އެތެރެކުރުމަށް މަގުފަހިކުރުމަށްވެސް ކަރުދާހުގައި ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އެއްވެސް ކޮންޓްރޯލެއް ނެތި ވެހިކަލް އެތެރެކުރުމުގެ ސަބަބުން ގަރާޖުގެ މައްސަލަ އެންމެ ބޮޑުވެފައިވަނީ މާލެ ސަރަހައްދުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ، އެ މައްސަލައަށް އޮތް ހައްލަކީ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު އިސްލާހުކުރުން ކަމަށާއި އެކަން ހައްލުކުރުމުގެ ގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ރާއްޖެ އެތެރެކުރެވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ ކުރިން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަމަށާއި އެކަމަށްޓަކައި މިނީބަހުގެ ހިދުމަތް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އައި ބަދަލުތަކާއެކު ގަރާޖު ސިޓީގެ ކަންތައް މިހާރު ބަލަހައްޓަމުން ގެންދަނީ ކައުންސިލުތަކުން ކަމަށެވެ. އެގޮތުން ގްރޭޓާ މާލޭ ސަރަހައްދުގެ ގަރާޖާ ބެހޭ ކަންތައްތައް މިހާރު ކުރިއަށްގެންދާނީ މާލޭ ސިޓީ ކައުންސިލުން ކަމަށްވެސް ވިދާޅުވިއެވެ.