ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ރޭޓިން އެޖެންސީތަކުން ސަރުކާރު ސެލެކްޓިވް ޑީޕޯލްޓް ރޭޓިންއަށް ޑައުންގްރޭޑް ކުރާ ކަމެއް ކަމަށާއި ނަތީޖާއަކަށް ވެގެންދާނީ ދައުލަތަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖޭން ބޭރުން ފައިސާ ހޯދަން ދަތިވުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

ބޮންޑޭ މިނިސްޓަރާ ސުވާލުކުރެއްވީ 2021ވަނަ އަހަރުގެ ކަރަންޓް ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ ކޮބައިތޯއާއި 2022ވަނަ އަހަރަށް ލަފާކުރާ ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ ކޮބައިތޯއާއި ދައުލަތުގެ ދަރަނި ބޮޑުއިރު، ދަރަނި މަދުކޮށް ރީސްޓްރަކްޗާ ކުރުން މުހިންމު ކަމަކަށް ވާއިރު، ދަރަނީ ރީސްޓްރަކްޗާ ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވަންތޯއެވެ.

އެ ސުވާލުތަކަށް ފޮނުވި ޖަވާބުގައި އަމީރު ވިދާޅުވީ، 2021ވަނަ އަހަރު ދައުލަތުން ސީދާ ނަގާފައިވާ ދަރަނި އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނީގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ 118 ޕަސެންޓް ކަމަށެވެ.

އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި 100 ޕަސެންޓް އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 18 ޕަސެންޓް ކަމަށާއި 2022ވަނަ އަހަރު ނިމޭއިރު ޑެޓް ޓު ޖީޑީޕީ ރޭޝިއޯ ހުންނާނެ ކަމަށް ލަފާ ކުރެވެނީ 111 ޕަސެންޓުގައި ކަމަށްވެސް ވިދާޅުވިއެވެ.

"ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ރޭޓިން އެޖެންސީތަކުން ސަރުކާރު ސެލެކްޓިވް ޑީޕޯލްޓް ރޭޓިން އަށް ޑައުންގްރޭޑް ކުރާ ކަމެކެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ދައުލަތަށާއި އަދި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދަން ދަތިވުމެވެ.،" އަމީރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ، ދައުލަތުގެ ދަރަނި ހަމަ މަގަށް އެޅުވުމަށް އެންމެ ރަނގަޅު މަގަކީ ދައުލަތުގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުން ކަމަށާއި އެގޮތުގެމަތިން ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީ 2023 އިން 2025 އެކުލަވާލާފައި ވަނީ އެކަންކަން ހިމަނައިގެން ކަމަށެވެ.