ފުޑް ކޯޓުގައި ހުންނަ "ޓީ ޖެޓީ" ރެސްޓޯރެންޓުން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް އަދި ކޮންމެ ދުވަހަކު ހިލޭ ރޯދަ ވީއްލުމެއް ލިބޭނެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ޓީ ޖެޓީ" ރެސްޓޯރެންޓުގެ ވެރިޔާ އަބްދުﷲ ވަހީދު "ވަން" އަށް މިއަދު ވިދާޅުވީ، އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެ ޕްރޮމޯޝަންގައި ހިލޭ ރޯދަ ވީއްލުން ލިބޭ ނަސީބުވެރިޔާ ހޮވާނީ ކޮންމެ ދުވަހަކުވެސް އެތަނަށް ރޯދަ ވީއްލަން ދާ މީހުންގެ ތެރެއިން ގުރުއަތުން ނަގައިގެން ކަމަށެވެ.
ޓީ ޖެޓީ ރެސްޓޯރެންޓުން މި ރޯދަމަހަށް ގިނަ ވައްތަރުތަކާއެކު މެނޫއެއް ވަނީ ތައްޔާރުކޮށްފައެވެ. ކޮންމެ ހުކުރު ދުވަހެއް ފިޔަވައި ކޮންމެ ދުވަހެއްގެ މެނޫގެ އަގަކީ 159 ރުފިޔާއެވެ. ހުކުރު ދުވަހަށް ހާއްސަ ރޯދަ މެނޫއެއް ހަދާފައިވާ އިރު، އެ މެނޫގެ އަގަކީ 169 ރުފިޔާއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ޓީ ޖެޓީ ރެސްޓޯރެންޓުން ވަނީ އެ ތަނުން ރޯދަ ވީއްލާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ރޯދަ ހަދިޔާގެ ގޮތުގައި އުމްރާ ދަތުރެއް ދޭން ނިންމައިފައެވެ. އެ އިނާމަކީ އެ ރެސްޓޯރެންޓުން ފާއިތުވި ހަތަރު ރޯދަމަހުވެސް ދީފައިވާ އިނާމެކެވެ.
ވަހީދު ވިދާޅުވީ ޓީ ޖެޓީ ރެސްޓޯރަންޓް ހުޅުވުމަށްފަހު ކަނޑައެޅި އެންމެ ބޮޑު އަޒުމަކީ ރެސްޓޯރަންޓުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކަށް ކޮންމެ އަހަރަކު ރޯދަ ހަދިޔާގެ ގޮތުގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
“ކޮވިޑް19 ގެ ދަތިކަން ދިގު މުއްދަތަކަށް ކުރިމަތިވީ ކަމުގައިވިޔަސް މިހާތަނަށް ތިން ބޭފުޅަކަށް އުމްރާގެ މަތިވެރި އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދެވި ހަތަރުވަނަ ފުރުސަތު ފަހިކޮށްދެވިފައިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ވަރަށް ބޮޑު ހިތްހަމަޖެހުމެއް،” އޭނާ ވިދާޅުވިއެވެ.
ވަހީދު އިތުރަށް ވިދާޅުވީ ޓީ ޖެޓީ ރެސްޓޯރަންޓުން ހިދުމަތް ހޯދާ ފަރާތްތަކަށް ކުރިއަށް އޮތް އަހަރުތަކުގައިވެސް އެ ފުރުސަތު ހުޅުވިފައި އޮންނާނޭކަމުގެ ޔަގީންކަން އަަރުވާ ކަމަށެވެ.