ރާއްޖޭގައި މެޑިކަލް މެރުއާނާ ހުއްދަކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ތަކުރާރުކޮށް ވާހަކަ ދެއްކުވުމުންވެސް، ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެ ވާހަކަތަކެއް ނުހުއްޓުވިއެވެ.
ރާއްޖޭގައި މެރުއާނާ ހުއްދަކުރަން ގޮވާލައި، ޖާބިރު ވާހަކަދެއްކެވީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
ޖާބިރު ވިދާޅުވީ، މާރުކޭޓުތައް ބަދަލުކުރަންޖެހޭ ކަމަށާއި ރާއްޖޭގައި މެޑިކަލް މެރުއާނާ ހުއްދަކޮށް އެތަކެތި ރާއްޖޭން އެކްސްޕޯޓުކޮށް އެއީ އާމްދަނީއެއް ލިބޭ އެއްޗެއްގެ ގޮތުގައި ހަަދަން ޖެހޭ ކަމަށެވެ. އެއީ ޓޫރިޒަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ބައެއް އެހެން ގައުމުތަކުގައިވެސް މެޑިކަލް މެރުއާނާ ހުއްދަ ކޮށްފައިވާކަން ފާހަގަކުރައްވައި، ބޭހެއްގެ ގޮތުގައި މެޑިކަލް މެރުއާނާ ބޭނުންކުރަން ހުއްދަކުރުމުން ލިބޭނެ ގެއްލުމަކީ ކޮބައިތޯވެސް ޖާބިރު ސުވާލުކުރެއްވިއެވެ. އަދި އެދިވަޑައިގަތުމަކީ، އެ ގަރާރު މަޖިލީހުން ފާސްވެގެން އަންނަ އިރު، މެޑިކަލް މެރުއާނާއަކީ ރާއްޖޭގައި ހުއްދަ އެއްޗެއްގެ ގޮތުގައި ހަމަޖެހިގެން ދިއުން ކަމަށްވެސް ވިދާޅުވިއެވެ.
ޖާބިރުގެ ވާހަކަތަކާ ގުޅިގެން އެއީ ދެއްކޭނެ ވާހަކަތަކެއް ނޫން ކަމަށްބުނެ ބައެއް މެންބަރުން ތަކުރާރުކޮށް ނުރުހުން ފާޅުކުރެއްވިއެވެ. ނަމަވެސް ރިޔާސަތުން އެކަން ހުއްޓުވައިފައެއް ނުވެއެވެ.
އެ ވާހަކަތައް ހުއްޓުމުގެ ބަދަލުގައި ޖާބިރު ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް މެޑިކަލް މެރުއާނާ ބޭނުންކުރާ ކަމަށެވެ. އެތަކެތި އެތެރެކުރަނީ ތައިލެންޑުން ކަމަށާއި، "އެންމެ ކޮލިޓީގެ އެއްޗެހިވެސް އެތަނުން އެތެރެކުރާ" ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު