އައްޑޫ ސިޓީގައި އިސްލާމީ މަރުކަޒެއް އިމާރަތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އައްޑޫ ސިޓީގައި އިސްލާމީ މަރުކަޒެއް ހެދުމުގެ މަސައްކަތް ހަވާލުކުރީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. އައްޑޫ ސިޓީގެ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އަދި ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަޔާޒެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އައްޑޫ ސިޓީގައި ހަދާ އިސްލާމީ މަރުކަޒަކީ 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީއެއް ހިމެނޭހެން އިމާރަތްކުރާ މަރުކަޒެއް ކަމަށެވެ.

އިސްލާމީ މަރުކަޒުގެ ނިންމަން ފެޑޭ ޕްރައިވެޓް ލިމިޓެޑަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

މަޝްރޫއުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ރާއްޖެއަށް އަންނަ ތަރައްގީ ދީނީ އިމާރާތްތަކުން ފެނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.

ޑރ. ޒާހިރު ވިދާޅުވީ މީގެ ކުރިން މާލެއިން ބޭރުގައި އެއްވެސް ޕްރޮޖެކްޓެއްގައި ސޮއިކޮށްފައި ނުވާ ކަމަށާއި ނަމަވެސް މިއީ މާލެއިން ބޭރުގައި އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އިސްލާމީ މަރުކަޒު އިމާރާތްކުރާ ސަރަހައްދަށް ނައިބު ރައީސް ފައިސަލް ނަސީމް އަދި ޑރ. ޒާހިރު ވަޑައިގެން އެ ސަރަހައްދު ބައްލަވައިލެއްވިއެވެ.