Close
ޚަބަރު

ވައްކަން މަދުކުރުމަށް އަމިއްލަ މުދަލަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި

މި ރޯދަ މަހު ވައްކަމުގެ މައްސަލަތައް މަދުކުރުމަށްޓަކައި އަމިއްލަ މުދަލަށާއި ތަކެއްޗަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމާއި ރަށުތެރެ ބެލެހެއްޓުމާއި މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މި ރަމަޟާން މަހުވެސް ބޭނުންވާ ކަމަށެވެ.

"އެގޮތުން ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ގެ ހުސްކޮށްފައި ގެއިން ބޭރަށްދާނަމަ، ދިއުމުގެ ކުރިން ގޭގެ ހުރިހާ ކުޑަދޮރުތަކާއި ބެލްކަނިދޮރު، ފެންލައިޓު އަދި ވައިގޮޅި ފަދަ ތަންތަންވެސް ވައްކަންކުރުމަށް މަގުފަހިނުވާނޭހެން ރަނގަޅަށް ތަޅުލުމަށް އިލްތިމާސްކުރަމެވެ. އަދި ފޯނު، ލެޕްޓޮޕް، ޓެބްލެޓް، އައިޕެޑް، ވޮލެޓް، އަތުކުރީގަޑި އަދި ފައިސާ އާއި އެހެނިހެން ތަކެތިވެސް ވައްކަންކުރުމަށް މަގުފަހިވާގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށް އިލްތިމާސްކުރަމެވެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި، ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނޭހެން ތަކެއްޗަށް ރައްކާތެރިވުމަށާއި އަޅުކަން ކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައިވެސް ފޯނު، ވޮލެޓު އަދި ދަބަސްފަދަ ތަކެއްޗަށް ސަމާލުވެ ރައްކާތެރިކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އޮފީސް އިމާރާތްތަކާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އޮފީސްތަކާއި ފިހާރަތައްވެސް ބަންދުކޮށްފައިދާ އިރު، ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

ފުލުހުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވެސް އެދިފައެވެ.