Close
ޚަބަރު

ޓްރޭޑް ޔޫނިއަންތައް އުފެއްދުމާ ބެހޭ ގާނޫނެއް މަޖިލީހަށް

އިބްރާހިމް ޒަކީ

ޓްރޭޑް ޔޫނިއަންތައް އުފެއްދުމާ ބެހޭ ގާނޫނުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

"އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގާނޫނު" ގެ ނަމުގައި، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ.

މި ބިލުން ދެ ބާވަތެއްގެ ޔޫނިއަންތައް އުފެއްދޭނެއެވެ. އެއީ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކެވެ.

އެއްވެސް ފަރާތެއްގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި، އެފަދަ ޔޫނިއަންގެ މެންބަރަކަށް ވުމާއި، އެފަދަ ޔޫނިއަންތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު މި ބިލުގައި ވަނީ ކަށަވަރުކޮށްދީފައެވެ.

ބިލުގައިވާ ގޮތުން ޔޫނިއަންތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ފެޑަރޭޝަނެއް އުފައްދައި ރަޖިސްޓްރީ ކުރެވިދާނެއެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ފެޑަރޭޝަންތަކުގެ މައްޗަށް އެކުލެވޭ، "ނޭޝަނަލް ޓްރޭޑް ޔޫނިއަން ސެންޓަރު" އަދި "ނޭޝަނަލް އެމްޕްލޯޔާސް ޔޫނިއަން ސެންޓަރު" އުފައްދައި ރަޖިސްޓްރީ ކުރެވިދާނެއެވެ.

މި ބިލުގައިވާ ގޮތުން ޔޫނިއަންތައް ރަޖިސްޓްރީ ކުރުމަށްޓަކައި، ރަޖިސްޓްރާ އޮފް ޔޫނިއަން އައްޔަން ކުރަންޖެހެއެވެ. އެ މަގާމަށް މީހަކު އައްޔަންކުރުމާއި، ވަކި ކުރުމުގެ ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ.

ރަޖިސްޓްރާ އޮފް ޔޫނިއަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފެޑަރޭޝަންތަކާއި ޔޫނިއަންތައް ރަޖިސްޓްރީ ކޮށްދިނުމުގެ އިތުރުން، މި ގާނޫނާއި އެ ޔޫނިއަނެއްގެ ދުސްތޫރުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތަކަށް އަމަލު ކުރާ މިންވަރު ބަލައި މޮނީޓާ ކުރުން ހިމެނެއެވެ.

ޔޫނިއަންތަކުން ކުރުން މަނާ ކަންތައްތަކާއި، ޔޫނިއަންތަކަށް ލިބިފައިވާ ހައްގުތަކާއި، އެފަރާތްތަކުގެ ޒިންމާތަކާއި ލިބޭ އިމްތިޔާޒުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ގާނޫނުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ދިވެހި ދިފާއީ ބާރު، ދިވެހި ފުލުހުންގެ ހިުދމަތް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށް ވަކި ކުރާ ފަރާތްތައް ހިމެނެއެވެ.

ގާނޫނާ ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.