Close
ޚަބަރު

އިހްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ، ތަގުރީރު ކުރައްވާނީ ޑރ. ޒާހިރާއި ޝައިހް ހަސަން ލަތީފް މޫސާ

ރޯދަ މަހުގެ ރޭތައް އިހްޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ އިހްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ޖުމުލަ 17 އިހްޔާ ފޯރަމް ބާއްވާނެއެވެ. އެއީ މާލޭގައި ނުވަ ޕްރޮގުރާމް އަދި އަތޮޅުތަކުގައި އަށް ޕްރޮގްރާމެވެ.

މާލޭގައި އިހްޔާ ޕްރޮގުރާމްތައް އޮންނާނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 9:30 ގައި އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. އަތޮޅުތަކުގައި ހުކުރު އަދި ހޮނިހިރު ދުވަހު ރޭ ރޭގަނޑު 9:30 ގައެވެ.

މި އަހަރުގެ އިހްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގުރާމްގެ މައުލޫއަކީ "ހެޔޮ ބަދަލަކަށް ރަމަޟާން" އެވެ. އެ މައުލޫއަށް ތަގުރީރުކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއާއި އައްޝައިހް ހަސަން ލަތީފް މޫސާއެވެ.

އަތޮޅުތަކުގައި ބާއްވާ އެންމެ ފުރަތަމަ އިހްޔާ ޕްރޮގްރާމް މާދަމާ ރޭ އޮންނާނީ އައްޑޫ ސިޓީގައެވެ. އައްޑޫ ހައި ސްކޫލު ހޯލުގައި ބާއްވާ އިހްޔާ ޕްރޮގްރާމްގެ މައުލޫއަކީ، "ލޮބުވެތި ނަބިއްޔާ ﷺގެ ހަޔާތްޕުޅުން" ނެވެ. އެ މައުލޫއަަށް ތަގުރީރުކުރައްވާނީ މުހައްމަދު އަނީލް އަދި ޑރ. އަލީ ޒާހިރެވެ.