ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑުވެ، އަގުތައް ތިރިކުރުމަށް އެސްޓީއޯއިން ކާށި ޝިޕްމެންޓެއް ގެންނަން ނިންމައިފިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސްޓީއޯ އިން ގެންނަ ކާށި ޝިޕްމެންޓް މިމަހުގެ 27 ވަނަ ދުވަހު ލިބޭނެ ކަމަށެވެ.
"މި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން،" އަމްރު ވިދާޅުވިއެވެ.
ބާޒާރުގައި ކާށީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން މިހާރު ބާޒާރުގައި ކާއްޓެއްގެ އަގު އުޅެނީ 10 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގައެވެ.
އެސްޓީއޯއިން ކާށި ޝިޕްމެންޓެއް ގެންނަން ނިންމާފައިވާ އިރު، ބާޒާރުގައި ލުނބޯގެ އަގު ތިރިކުރަން އެސްޓީއޯއިން ލުނބޯ ޝިޕްމެންޓެއް ވެސް ގެނެސް، 60 ރުފިޔާއަށް ކިލޯއެއް އަންނަނީ ވިއްކަމުންނެވެ.
އާންމު ކަބޯތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމަށް އެސްޓީއޯ އިން އަންނަނީ ތަފާތު އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން ރޯދަމަހު އެންމެ ޑިމާންޑު ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ފިޔާ، އަލުވި އަދި ބިސް ހުސްނުވާނެ ވަަރަށް އެތެރެކޮށް އެސްޓީއޯއިން އަންނަނީ ވިއްކަމުންނެވެ.
އެސްޓީއޯއިން ފިޔާ ބަސްތާއެއް 160 ރުފިޔާއަށް އަދި އަލުވި ބަސްތާއެއް 240 ވިއްކާ އިރު، ބިސް ކޭހެއް ވިއްކަމުންދަނީ 280 ރުފިޔާއަށެވެ. ރީޓެއިލް އަގުގައި އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ ނުވަ ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް 11 ރުފިޔާއަށް ވިއްކާ އިރު، ބިހެއް ވިއްކަނީ 1.75 ރުފިޔާއަށެވެ.