ސައޫދީ އަރަބިޔާއަކީ ދީނީ ކަންކަމުގައި އިސްލާމީ އުއްމަތުގެ ހުންގާނު ކަމަށް ބެލެވޭ ގައުމެވެ. ކުރިއަށްއޮތް ރޯދަމަހާ ދިމާކޮށް ސައޫދީ އަރަބިޔާގެ އިސްލާމިކް އެފެއާރޒް މިނިސްޓްރީން ވަނީ މީގެކުރިން ދުވަހަކުވެސް އެގައުމުގެ ރަސްމީ ފަރާތަކުން އަންގާފައިނުވާ ކަހަލަ އައު ގަވާއިދުތަކާއި އެންގުންތަކެއް އިއުލާންކޮށްފައެވެ. މިކަމާ ގުޅިގެން އެތެރެޔާއި ބޭރުގެ ނުހަނު ބޮޑެތި ފާޑުކިޔުންތައް ސައޫދީ ވަލީއަހުދު ޕްރިންސް މުހައްމަދާއި އޭނާގެ ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މި ގަވާއިދުތަކުގެ ބޭނުމަކީ ކޮބައިކަމާމެދު ސުވާލުކުރުންވަނީ ގިނަވެފައެވެ. އެއްބަޔަކު ބުނެއެވެ. ސަރުކާރުގެ ގަސްތަކީ ސައޫދީންގެ ދިރިއުޅުމާއި އާދަކާދަތަކުން ދީނީ އަސަރު ކުޑަކުރުމެވެ. ޕްރިންސް މުހައްމަދުގެ ސިޔާސަތުގެ އަމާޒަކީ މުޖުތަމައުން ދީނުގެ ނުފޫޒު ފޮހެލުމެވެ. އައު ސައޫދީ އަރަބިޔާއަކަށް މަގުކޮށައި ސާފުކުރުމެވެ.
ސައޫދީ އަރަބިޔާގެ އިސްލާމިކް އެފެއާރޒް މިނިސްޓްރީން ރޯދަމަހާ ދިމާކޮށް ނެރުނު އައު ގައިޑްލައިނުގައިވާ ކަންކަމަށް ބަލާއިރު ވަރަށް ހައިރާންކުރަނިވި ކަންކަން ހިމެނެއެވެ. ޚިޔާލަށް ގެނެވިފައިނުވާ ކަންކަންވެސް ހިމެނެއެވެ. މިސްކިތްތަކުގައި އަޑުގަދަކުރާ ވަސީލަތްތައް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. މާނަޔަކީ މުންނާރުތަކުން ލައުޑް ސްޕީކަރު ބޭނުންކޮށްގެން ބަންގި ގޮވުމާއި ރޭގަނޑުގެ ނަމާދުތަކުގައި މިސްކިތުން ބޭރަށް އަޑު ނުކުންނާނޭ ބީދަޔަކުން ކިޔެވުން މަނާވުމެވެ. އަދި އަޑުގަދަކުރާ ބޭނުންކޮށްގެން ދަރުސްދިނުންވެސް މަނާވުމެވެ. މިވަރަކުން އަދި ނުނިމެއެވެ. މިސްކިތްތަކުގައި އާއްމުކޮށް ރޯދަވީއްލުމާއި ކުރީބައިގައި ލިޔެގެން، ބުނެގެން، ހުއްދަ ހޯދުމަކާނުލައި އިއުތިކާފަށް ތިބުމާއި އެކި ވަސީލަތްތައް ބޭނުންކޮށްގެން ނަމާދު ދުރަށް ދެއްކުމާއި އިއްވުން މަނާކުރުންވެސް ހިމެނެއެވެ.
މިސްކިތްތަކަށް ޚައިރާތުކުރުމާއި ފައިސާ އެއްކުރުމަށް މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުންފަދަ ކަންކަންވެސް ވަނީ މަނާކުރެވިފައެވެ. ނަމާދުތައް ވީހާވެސް ކުރުކުރުމާއެކު ކުޑަކުދިން މިސްކިތްތަކަށް ގެންގޮސް ޖަމާއަތުގައި ބައިވެރި ނުކުރަން ވަނީ އިރުޝާދު ދީފައެވެ. މިސްކިތްތަކަށްދާ ހަމަކޮންމެ މީހެއްގެ އަތުގައި އެެއީ ކާކުކަން އެނގޭނޭ ރަސްމީ ލިޔުމެއް އޮތުން ލާޒިމެވެ. މައްކާގެ ހަރަމްފުޅާއި މަދީނާގެ މަސްޖިދުއްނަބަވީ ފިޔަވައި އެހެން އެއްވެސް މިސްކިތެއްގައި އަޑުގަދަކުރާ ބޭނުމެއް ނުކުރެވޭނެއެވެ. އަދި އެދެތަން ފިޔަވައި އެހެން އެއްވެސް މިސްކިތަކުން ބްރޯޑްކާސްޓެެއްވެސް ނުކުރެވޭނެއެވެ. މިސްކިތްތަކުގައި ކެމެރާ ބޭނުންކުރިއަސް އިމާމު މީހާޔާއި ޖަމާއަތުގައި ތިބޭ މީހުންގެ ފޮޓޯއާއި ވީޑިއޯ ނަގައި އާންމުކުރުން ވަނީ މަނާކޮށްފައެވެ.
އިއުތިކާފަށް އެ މިސްކިތެެއްގައި ތިބެވޭނޭ މީހުންނަށް އެކަމުގެ ހުއްދަ ދިނުމުގެ އިޚުތިޔާރު އޮތީ އެ މިސްކިތެެއްގެ އިމާމަށެވެ. ރޯދަވީއްލުމަށްޓަކައި އެއްވެސް މިސްކިތެއްގެ ހަރިންމަތެރޭގައި ވަގުތީ ފޭލިގެތަކެއް ނުޖެހޭނެއެވެ. ކާބޯތަކެތި ތައްޔާރެއްވެސް ނުކުރެވޭނެއެވެ. ފަގީރުންނަށް ސަދަގާތްކުރުމުގެ ނަމުގައި ފައިސާ އެއްކުރުމުގެ ހަރަކާތެއްވެސް ނުހިންގޭނެއެވެ. ކަދުރާއި ފަނިފަދަ ލުއި އެއްޗަކުން ރޯދަވީއްލަން ޖެހުނަސް އެކަންކުރަންވާނީ އެކަމަށް ޚާއްސަކުރެވިފައިވާ ތަނެއްގައެވެ. ރޯދަވީއްލައި ނިމިގެން ލަސްނުކޮށް އެތަނެއް ސާފުކުރަންޖެހޭނެއެވެ. އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަބްދުއްލަތީފް އާލްޝައިޚު ސޮއިކުރައްވައި ނެރުއްވި ސާކިއުލާރއަށް ވަރަށް ގިނަ އިލްމުވެރިން ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
އައު ގަވާއިދުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހޭނީ ސައޫދީ އަރަބިޔާގައި ދިރިއުޅޭ ބިދޭސީ މުސްލިމުންނަށެވެ. ރޯދަމަހަކީ ސަދަގާތްކުރުމާއި މިސްކިތްތަކުގައި ގިނައިރު ހޭދަކޮށް އަޅުކަން ގިނަކުރުމުގެ މައްސަރެކެވެ. މިސްކިތްތަކުގައި އިއުތިކާފަށް ތިބުމާއި މިސްކިތްތަކުގައި ރޯދަވީއްލުމާއި ސަދަގާތަށް ފައިސާ އެއްކުރުންފަދަ ކަންކަން ބޮޑަށް ހިންގަނީ ބިދޭސީންނެވެ. އެހެންވީމާ މިކަންކަމަށް އެޅޭ ހުރަހެއްގެ އަސަރު އެންމެ ބޮޑަށް ފޯރާންތިބީވެސް ބިދޭސީންނެވެ. އުމްރާއަށާއި ހައްޖުވުމަށް ވަކި މުއްދަތަކަށް އެތެރެވާ މުސްލިމުންގެ އިތުރަށް ދާއިމީ ގޮތެއްގައި ސައޫދީ އަރަބިޔާގައި ބިދޭސީ މުސްލިމުންގެ އެތައް މިލިޔަން ބަޔަކު ދިރިއުޅެއެވެ. ޕާކިސްތާނާއި ބަންގްލަދޭޝްއާއި މިސްރާއި ތުރުކީފަދަ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.
އައު ގަވާއިދު ނެރެފައިވަނީ އިސްލާމިކް އެފެއަރޒް މިނިސްޓްރީން ކަމަށްވިޔަސް މިއީ ބޮޑުވަޒީރު އަދި ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ އިރުޝާދުގެ ދަށުން ނެރެފައިވާ ގަވާއިދެއްކަމަށް ޔަގީންކުރެވެއެވެ. އަދި މިއީ ފިކުރީގޮތުންނާއި އެނޫންވެސް ގޮތްގޮތުން ސައޫދީ އަރަބިޔާ ޒަމާނީކުރުމަށް އޭނާ ފައްޓަވައިފައިވާ ޕްރޮގްރާމަށް ފައްތައިގެން ކުރާ ކަމެއްކަމަށްވެސް ގަބޫލުކުރެވެއެވެ. ސައޫދީ އަރަބިޔާއަކީ ދުލާއި ގަލަމުގެ މިނިވަންކަން އޮންނަ ގައުމަކަށްނުވުމާއެކު އެތަނުން މާގަދަ އަޑެއް ނީވުނަސް މިސްރާއި ޕާކިސްތާނާއި އީރާނުފަދަ ފަދަ ގައުމުތަކުން ނުހަނު ގަދަޔަށް ވާހަކަދައްކާތީ އެބަ އިވެއެވެ. ބައެއް މީހުންގެ ނަޒަރުގައި ހަރުކަށި ފިކުރުގެ ދިރުން ހުއްޓުވުމަށް ބައެއް ކަންކަން އެންމެ ރަގަޅެވެ. އެހެންނަމަވެސް ބައެއް ކަންކަމަކީ ބުއްދީގެ ހަމަތަކުން މޭރުންކުރަން އުނދަގޫ ކަންކަމެވެ.