ގދ. މަޑަވެލީގައި މަގެއްގައި އަންހެނަކު ބިންމަތީގައި ދަމާކޫއްތާފައި ގެންދަމުން އޭނާގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައަކާ ގުޅިގެން އެރަށު ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މަޑަވެލީގައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެ މައްސަލައިގައި އަނިޔާވި އަންހެން މީހާއަށް އެރަށު ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އަދި ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި ފިރިހެން މީހާ އަނިޔާކޮށްފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާއަށެވެ. 30 އަހަރުގެ އެ އަންހެން މީހާއަކީ އެހެން ރަށެއްގެ މީހެކެވެ.

އެ އަންހެން މީހާއަށް އަނިޔާކޮށް، މަގުމަތީގައި ދަމާފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް "ވަން" އަށް ވަނީ ލިބިފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ފިރިހެން މީހާ އަންހެން މީހާ ދަމާފައި ގެއިން ނެރޭ މަންޒަރު ފެނެއެވެ. އެވަގުތު އެ ސަރަހައްދުގައި މާހެފުމެއްވެސް ކުރިއަށްދެއެވެ. އަދި އެތަނުގައި އެރަށުގެ ބައެއް މީހުންވެސް އެވަގުތު ތިއްބެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އަންހެން މީހާގެ އެއް އަތުގައި ހިފައިގެން މަގުމަތިން ދަމާފައި ފިރިހެން މީހާ ގެންދެއެވެ. އަދި އެގޮތަށް ގެންދިޔަ އިރުވެސް އޭނާ ގައިގައި ތަޅައި އަނިޔާ ކުރާ މަންޒަރުވެސް ފެނެއެވެ. އަދި ފަހުން އަންހެން މީހާގެ ކަރުގައި ހިފައި، އަނިޔާ ކުރަން ފެށުމުން، އެސަރަހައްދުގައި ހުރި ފިރިހެނަކު ވަނީ އޭނާ ހުއްޓުވައިފައެވެ. އެއިރުވެސް އެ ފިރިހެން މީހާ، އަންހެން މީހާގެ އަތަށް ދަމަން މަސައްކަތް ކުރަމުންދާ މަންޒަރު ފެނެއެވެ.

އެރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ، މީގެ ކުރިންވެސް އެ އަންހެން މީހާއަށް، ފިރިހެން މީހާ އަނިޔާކުރާ ކަމަށެވެ. އެމީހާއަކީ ކުށުގެ ރެކޯޑެއްވެސް އޮންނަ މީހެއް ކަމަށާއި މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.