އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕެއިން ކުރާއިރު، ރިޝްވަތަށް މަގުފަހިވާގޮތަށް ހިންގާ ކަންކަމާއި، އެ ކެންޑިޑޭޓަކު ވެވަޑައިގަންނަވާ ވައުދުތައް ވަކިވާނެ ގޮތަކަށް އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 45 މެންބރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލުގައި އެ ގާނޫނުގެ 26 ވަނަ މާއްދާ އާއި 37 ވަނަ މާއްދާ އާއި 41 ވަނަ މާއްދާ އާއި 59 ވަނަ މާއްދަ އާއި 73 ވަނަ މާއްދާގެ އިތުރުން 74 ވަނަ މާއްދާއަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

މަޖިލިސް ތަޅުމުގައި މި ބިލުގެ އިބުތިދާއީ ބަހުސް ކުރިއަށް ދިޔައިރު، ބައެއް މެންބަރުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީ އެ ގާނޫނުގެ 41 ވަނަ މާއްދާއަށް ބަދަލުގެންނަން ހުށަހަޅާފައިވާ އިސްލާހާމެދުގައެވެ.

އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގައި މިހާރު އޮންނަނީ، ވޯޓުނަގާ ދުވަހު ވޯޓު ލުމުގެ ކަންތައްތައް ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނީޓާ ކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގައާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެކަމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ރިޕޯޓަރުންނަށް ކަމަށެވެ. ނަމަވެސް އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ރިޕޯޓަރުން ކަމަށް އޮތްތަން، ނޫސްވެރިންނަށް ބަދަލު ކުރުމަށެވެ.

ވޯޓުނަގާ ދުވަހުގެ 10 ދުވަސްކުރިން އެރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ނުވަތަ އެތަނެއްގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް، ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ، ތަފާތު ކުރުމަކާ ނުލައި، މިގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ އަދަދަކަށް އިލެކްޝަންސް ކޮމިޝަނުން ދޭންވާނެ ކަމަށްވެސް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ. ނަމަވެސް ގާނޫނުގައި މިހާރު އޮތީ، ހުއްދަ ދޭން ޖެހޭނީ އެންމެ މީހަކަށް ކަމަށެވެ.

މިހާރު ގާނޫނުގައި ބުނާގޮތުން ކެންޑިޑޭޓެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައެވެ. ނަމަވެސް އެ މުއްދަތު، އެއްމަސް ދުވަހަށް އިތުރު ކުރުމަށް އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.

ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އެޖެންޓު މަރުވުން، އިސްތިއުފާދިނުން ނުވަތަ ވަކިކުރުމުން އެކަން އިލެކްޝަން ކޮމިޝަނަށް އަންގަން ޖެހޭ މުއްދަތައް ބަދަލުގެނެސް، އެ ހާލަތެއްގައި ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެކަން އިލެކްޝަނަށް އަންގަން ޖެހޭނެކަމަށް ބިލުގައި ވަނީ ހުށަހަޅައިފައެވެ. ގާނޫނުގައި މިހާރު އެކަމަށް ކަނޑައަޅާފައި އޮންނަނީ 7 ދުވަހުގެ މުއްދަތެކެވެ.

ވޯޓުލާ މަރުކަޒަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު އެއް ޕަސެންޓަށްވުރެ އިތުރުނުވާ އަދަދެއްގެ ވޯޓުކަރުދާސް ފޮނުވަން ވާނެކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮތް ނަމަވެސް، މަރުކަޒަކަށް ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދުނަމަ ގިނަވެގެން އިތުރު އެއްވޯޓު ކަރުދާސް ފޮނުވާން ޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.