އެހީތެރިކަމަށް ބޭނުންވެފައި ތިބި 29 އާއިލާއަކަށް މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމްއެސްޖީއެފް)ގެ ފަރާތުން ކާބޯތަކެތި ހަދިޔާކޮށްފިއެވެ.
އެމްއެސްޖީއެފްގެ ޕީއާރު ސެކްރެޓަރީ މިންހާ ފާއިޒު "ވަން" އަށް މިއަދު ވިދާޅުވީ، މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ އާއިލާތަކުގެ އިތުރުން އައްޑޫގެ ފަސް އާއިލާއަކަށްވެސް ކާބޯތަކެތި ހަދިޔާކޮށްފައިވާ ކަމަށެވެ.
މިއާއިލާތަކަށް ކާބޯތަކެތި ހަދިޔާކޮށްފައި ވަނީ އިއްޔެގެ އެކި ވަގުތުތަކުގައި އެމްއެސްޖީއެފްގެ ވޮލަންޓިއަރުންނެވެ. އައްޑޫގައި ކާބޯތަކެތި ހަދިޔާކުރުމަށް އެމްއެސްޖީއެފްގެ އައްޑޫ ގޮފީގެ ވޮލަންޓިއަރުން ބައިވެރިވެފައިވެއެވެ.
އެމްއެސްޖީއެފުން ބުނީ ކާބޯތަކެތި ހަދިޔާކުރީ އެ ޖަމިއްޔާގެ މެންބަރުންނަށް ހުޅުވާލި ފުރުސަތުގައި އެބޭފުޅުން ހަދިޔާކުރި ފައިސާއިން ކަމަށާއި އެގޮތުން ލިބުނު ފައިސާއިން ކޮންމެ އާއިލާއަކަށްވެސް 800 ރުފިޔާގެ ތަކެތި ހަދިޔާކޮށްފައިވާ ކަމަށެވެ.
"މިފަހަރުވެސް ބެލީ ރޯދަމަހު ގޭގެއަށް އެންމެ ބޭނުންތެރި ތަކެތި ހިމަނައިގެން ކެއާ ޕެކޭޖު ތައްޔާރު ކުރުމަށް. އެގޮތުން ހަނޑޫ، ހަކުރު، ފުށް، މަސްދަޅު، ކުކިން އޮއިލް، ގެރި ކިރު، މިފަދަ ތަކެތި މި ހަދިޔާ ކުރީ. ފިޔާ، އަލުވި އަދި ލޮނުމެދާއި ކަދުރުވެސް ހިމެނޭނެ. ކުރީ އަހަރަށްވުރެ މިއަހަރު އާއިލާތައްވެސް އިތުރު ކުރެވޭތޯ މަސައްކަތް ކޮށްފައިވާނީ. މިފަހަރުވެސް ކެއާ ޕެކޭޖުތައް ބަހަމުން ދިޔައިރު ވަރަށް ހާލުގައި އުޅޭ މީހުނާ ބައްދަލުވި. އަޅުގަނޑުމެންގެ ބޭނުމަކީ މިފަދަ އާއިލާތައް ދެނެގަނެ ރޯދަމަހު އެބޭފުޅުންނަށްވެސް މީރުކޮށް ކާލެވޭނެ ގޮތްވުން. މިއީ ފާއިތުވި ތިން އަހަރުވެސް އެމްއެސްޖީއެފުން ކުރަމުން އަންނަ މަސައްކަތެއް. މިފުރުސަތުގައި ވަަރަށް ބުރަކޮށް އުޅެމުންވެސް އަޅުގަނޑުމެންގެ ވޮލަންޓިއަރުން ހަރިކާތްތެރިވެފައިވާތީއާއި މި ހަދިޔާތައް ބެހުމަށް ޑޮނޭޓްކުރެއްވި ހުރިހާ މެންބަރުންނަށް އެކްސްކޯގެ ފަރާތުން ޝުކުރު އަދާކުރަން." މިންހާ ވިދާޅުވިއެވެ.
އެމްއެސްޖީއެފްއަކީ ގައިޑިން އަދި ސްކައުޓިން ވެލިއުސްތައް ޒުވާނުންގެ މެދުގައި ދިރުވައި އާލާކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ އެކި މުނާސަބާތަކާއި އެކި ހާލަތްތަކާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ފަންޑު ރައިސިން ހަރަކާތްތަކާއި ޑޮނޭޝަންގެ ހަރަކާތްތައް ހިމެނެއެވެ.