ވޯލްޑް ފެލޯޝިޕް ޑޭ 2021، މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝީޕް (އެމްއެސްޖީއެފް) އިން ފާހަގަ ކޮށްފިއެވެ.
އެމްއެސްޖީއެފުން ކޮންމެ އަހަރަކު ފާހަގަ ކުރަމުން އަންނަ ފެލޯޝިޕް ޑޭ މިއަހަރު ފާހަގަ ކޮށްފައިވަނީ ލޮނުޒިޔާރަތްޕާކުގައި އިއްޔެ ހަވީރު އޮތް ހަފުލާއެއްގައެވެ. އެމްއެސްޖީއެފްގެ އެކްސްކޯ މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވި މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން އެވެ.
އަލަށް އެމްއެސްޖީއެފާ ގުޅުނު ފަރާތްތަކަށް މި ހަފުލާގައި ވަނީ ހުވާލައިދެއްވައިފައެވެ.
މި ހަފުލާގައި އެމްއެސްޖީއެފުގެ ކުރީ ދެ ދައުރުގައި އެކްސޯގައި މަސައްކަތް ކޮށްދެއްވި ފަރާތްތަކުގެ ހިދުމަތް ފާހަގަކޮށް އެބޭފުޅުންނަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. އަދި މިދިޔަ އަހަރު އެޖަމިއްޔާގެ ފަރާތުން ބޭއްވި ހަރަކާތްތަކުގެ ތެރެއިން އެންމެ ގިނަ ހަރަކާތްތަކުގައި ބައިވެރިވި ތިން ފަރާތަކަށް ވެސް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އެ ތިން ފަރާތަކީ:
- އައިމިނަތު ލަތީފާ
- ސާރުދާ ހަސަން ދީދީ
- އައިމިނަތު އާދަމް
މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއަށްވެސް ވަނީ ހަފުލާގައި ސްކާފު އަރުވައިފަ އެވެ. ހަފުލާގައި ބައިވެރިންނާ މުހާތަބު ކުރައްވައި މިނިސްޓަރު ދެއްކެވި ވާހަކައިގައި ސަރުކާރުތަކުން އެކަނި ކަންކަމުގެ ހައްލުތައް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެކަންކަމުގައި އާންމު ޖަމާއަތްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.
"އެއްވެސް ސަރުކާރަކުން އެކަނި މަސައްކަތް ކޮށްގެން ބައެއް ކަންކަން ހައްލުވުމަކީ އުނދަގޫ ކަމަކަށް ފަހަރު ވެދާނެ. އޭގަ އަދި ތައުލީމާއި ތަމްރީނުގެ ފުރުސަތު އެކަނި ކަމަށްވިޔަސް، އިޖުތިމާއި އެކި އެކި ކަންތައްތަކުގަ ވިޔަސް، ރައްޔިތުންނަށް ކަންކަން ލުއިފަސޭހަކުރުމަށް އެހީތެރިވެދިނުން ކަމުގައި ވިޔަސް ހަމަ އަޅުގަނޑަށް ހީވަނީ އެންޖީއޯ ތަކާއި އެހެނިހެން އާންމު ޖަމާއަތްތަކުގެ އެއްބާރުލުމާއި އެހީގަ ނޫނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގަ އެކަންކަމަށް ހައްލެއް ނުލިބޭނެ. އެހެން ވީމަ އަޅުގަނޑު ދެކޭ ގޮތުގައި މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް އަކީ ވަރަށް ރަނގަޅު ޕްލެޓްފޯމެއް. މީގެ ތެރޭގައި މި އުޅުއްވާ ބޭބޭ ފުޅުންނަކީ ހަމަ ވަރަށް ގާބިލު ބޭފުޅުން" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ އެމްއެސްޖީއެފުން އިޖުތިމާއީ ގޮތުން ކުރާ މަސައްކަތްތަކުގައި އިތުރަށް ކުރިއަށް ދިޔުމަށް ހިތްވަރު ދެއްވައިފައެވެ.
"އިރާދަފުޅު ކުރެއްވިއްޔާ މިއަދު ކަރުގަ މި ބަނދެވުނު ސްކާފާއެކު އަޅުގަނޑުވެސް ބައެއްކަހަލަ ތަންތަނުން ފެންނަވަރު ވޭތޯ މަސައްކަތް ކުރާނަން" މިނިސްޓަރު ވިދާޅުވިއެވެ.
މި ހަފުލާފައި ގައިޑިން އަދި ސްކައުޓިން ލަވަ ކިޔުމާއި ޓްރެޝާ ހަންޓް ގޭމް ކުޅުމުގެ އިތުރުން ކޭކު ފެޅުންވެސް ކުރިއަށް ގެންދިޔައެވެ.
އެމްއެސްޖީއެފް
އެމްއެސްޖީއެފް
އެމްއެސްޖީއެފް