އެހީތެރިކަމަށް ބޭނުންވެފައި ތިބި 21 އާއިލާއަކަށް މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމްއެސްޖީއެފް)ގެ ފަރާތުން ކާބޯތަކެތި ހަދިޔާކޮށްފިއެވެ.
އެމްއެސްޖީއެފްގެ ޕީއާރު ސެކްރެޓަރީ މިންހާ ފާއިޒު "ވަން" އަށް މިއަދު ވިދާޅުވީ، މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ އާއިލާތަކުގެ އިތުރުން ބ.ތުޅާދޫ އާއިލާއަކަށްވެސް ކާބޯތަކެތި ހަދިޔާކޮށްދީފައިވާ ކަމަށެވެ.
މިއާއިލާތަކަށް ކާބޯތަކެތި ހަދިޔާކޮށްފައި ވަނީ އިއްޔެގެ އެކި ވަގުތުތަކުގައި އެމްއެސްޖީއެފްގެ ވޮލަންޓިއަރުންނެވެ.
އެމްއެސްޖީއެފުން ބުނީ ކާބޯތަކެތި ހަދިޔާކުރީ އެ ޖަމިއްޔާގެ މެންބަރުންނަށް ހުޅުވާލި ފުރުސަތުގައި އެބޭފުޅުން ހަދިޔާކުރި ފައިސާއިން ކަމަށާއި އެގޮތުން ލިބުނު ފައިސާއިން ކޮންމެ އާއިލާއަކަށްވެސް 1،000 ރުފިޔާގެ ތަކެތި ހަދިޔާކޮށްފައިވާ ކަމަށެވެ.
"ހަނޑޫ، ހަކުރު، ފުށް، މަސްދަޅު، ކުކިން އޮއިލް، ގެރި ކިރު، މިފަދަ ތަކެތި މި ހަދިޔާ ކުރީ. ބޮޑަށް ބެލީ ރޯދަމަހު އާންމުކޮށް ބޭނުންވާ ސާމާނު ހިމެނޭތޯ. ޓޮމާޓޯ ޕޭސްޓާއި އަލަނާސި ދަޅުވެސް ހުންނާނެ. މިއީ މިދިޔަ އަހަރު އަޅުގަނޑުމެން ފެށިކަމެއް. ބޭނުމަކީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް، ކޮންމެ ރޯދަމަހަކާ ދިމާކޮށްވެސް އަޅުގަނޑުމެންގެ މެންބަރުންގެ ދީލަތި އެހީތެރިކަމާއެކީ މިގޮތަށް އެހީތެރިކަން ފޯރުކޮށްދިނުން. މިމަސައްކަތުގައި ވަރަށް ބުރަކޮށް އަޅުގަނޑުމެންގެ ވޮލަންޓިއަރުން ވަނީ ހަރަކާތްތެރިވެފައި. މިފުރުސަތުގައި އެހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތް ފާހަގަކޮށް އެކްސޯގެ ފަރާތުން ޝުކުރު އަދާކުރަން." މިންހާ ވިދާޅުވިއެވެ.
އެމްއެސްޖީއެފްއަކީ ގައިޑިން އަދި ސްކައުޓިން ވެލިއުސްތައް ޒުވާނުންގެ މެދުގައި ދިރުވައި އާލާކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ އެކި މުނާސަބާތަކާއި އެކި ހާލަތްތަކާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ފަންޑު ރައިސިން ހަރަކާތްތަކާއި ޑޮނޭޝަންގެ ހަރަކާތްތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު