ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގައި ގިނަ ތައްޔާރީތަކެއް ވަމުން އެބަގެންދެއެވެ.
އެޗްޑީސީން ބުނި ގޮތުގައި ރޯދަ މަހަށް ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވާން ޖެހޭ ތައްޔަރީތައް އެ ކުންފުނިން އަންނަނީ ވަމުންނެވެ. އެގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި، އެ ސަރަހައްދުގައި ފިހާރައެއް ހުޅުވުމަށް އެސްޓީއޯއަށް ދިން ބިމުގައި މިހާރު ފިހާރަ ހުޅުވާފައިވާ ކަމަށާއި އެ ސަރަހައްދަށް ހާއްސަކޮށް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ތައްޔާރީތައްވެސް ވަމުން އަންނަ ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރުކުރުމާއި މަރާމާތުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ރޯދަ މަހުގެ ކުރިން ނިމޭނެ ކަމަށެވެ.
ރޯދަޔަށް މުޅި ހުޅުމާލެ ސާފުކުރުމުގެ މަސައްކަތަށްވެސް އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ހުޅުމާލޭގެ ރައްޔިތުން ގުޅިގެން ދެވަނަ ފިޔަވަހީގައި ހާއްސަ އާއިލީ ހަވީރެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށްވެސް ބުންޏެވެ.
އެޗްޑިސީން ވަނީ ރޯދައަށް ހާއްސަކޮށްގެން ކުޅިވަރު ހަރަކާތްތައްވެސް ރާވާފައެވެ. އޭގެ ތެރޭގައި ވާދެމުމާއި ބާސްކެޓް ބޯޅަ މުބާރާތާއި ވޮލީ ބޯޅަ އަދި ބައިބަލާ މުބާރާތެއް ހިމެނެއެވެ.
މީގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމައިފައެވެ.