ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަފުލާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގައި މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔަކަށް ހަމްޒާ މުހައްމަދު (ހަމްޕު) ހޮވުނު އިރު، މިދިޔަ އަހަރުގެ އެންމެ މޮޅު ވޮލީ ކުޅުންތެރިންނަށް އައިޝަތު މާޖިދާއާއި އަލީ ހުޒާމް (ހުޒަންޓެ) ހޮވިއްޖެއެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ހޮވުނު ހަމްޕު ވަނީ މާޒިޔާއާއެކު އެފްއޭ ކަޕާއި ލީގު ކާމިޔާބުކޮށްފައެވެ. ގައުމީ ޓީމުން ކުޅުނު މެޗުތަކުގައިވެސް ހަމްޕުގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ އިރު، ހަމްޕުއަކީ އޭއެފްސީ ކަޕުގައިވެސް މާޒިޔާއަށް އެންމެ މޮޅަށް ކުޅުނު ކުޅުންތެރިޔާއެވެ.
އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔަކަށް ހޮވިފައިވާ މާޖިދާ ވަނީ މިދިޔަ ވޮލީބޯޅަ ސީޒަނުގައި ތަފާތު ކުޅުމެއް ދައްކައިފައެވެ. އަލުން ފިޓްވެ ބީޗް ވޮލީއަށް ހާއްސަ ސަމާލުކަމެއް ދީގެން މާޖިދާ ކުޅެމުންދިޔަ އިރު، އޭނާ ވަނީ އިންޑޯގެ އެސޯސިއޭޝަން ކަޕް ވެމްކޯއަށް ކާމިޔާބުކޮށްދީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. އަދި އޭގެ ފަހުން އެންމެފަހުން ކުޅުނު ފޯ ނޭޝަންސް ކަޕުގައިވެސް މާޖިދާގެ ތަފާތު ފެނިގެން ގޮސްފައިވެއެވެ. އެ މުބާރާތް ގައުމީ ޓީމާއެކު މާޖިދާ ނިންމާލީ ރިހި މެޑައްޔާ އެކުގައެވެ.
ފިރިހެން އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔަކަށް ހޮވުނު ހުޒަންޓޭ ވަނީ މިދިޔަ އަހަރު ސްޕޯޓްސް ކްލަބް ސިޓީއާއެކު ގައުމީ ވޮލީގެ ތިން ތަށި ހޯދައިފައެވެ. އެއީ އެސޯސިއޭޝަން ކަޕްގެ އިތުރުން ގައުމީ ވޮލީބޯޅަ ލީގު އަދި ގައުމީ ވޮލީ މުބާރާތެވެ.
18 ކުޅިވަރެއްގެ އެންމެ މޮޅު އެތުލީޓުންނަށް މިރޭގެ އެވޯޑު ހަފުލާގައި އެވޯޑު ދީފައިވެއެވެ. ޕޫލް ބިލިއާޑް މިދިޔަ އަހަރު އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް މުހައްމަދު ޝަރީފް ހޮވުނުއިރު، އެންމެ މޮޅު އަންހެން ބިލިއާޑް އެތުލީޓަކަށް ހޮވުނީ އައިމިނަތު ފަތުހީއެވެ. ޗެސްގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ނިހާޔާ އަހުމަދެވެ. އެންމެ މޮޅު ޗެސް ފިރިހެން ކުޅުންތެރިޔަކަށް ހޮވުނީ މުހައްމަދު ޝުއާއެވެ.
ކެރަމް އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ އައިމިނަތު ވިދާދެވެ. މިދިޔަ އަހަރު އެންމެ މޮޅު ފިރިހެން ކެރަމް އެތުލީޓަކީ އިސްމާއީލް އަޒްމީނެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިޔަކަށް ހޮވުނީ އައިމިނަތު އިސްރާއު އަބްދުއްޝުކޫރެވެ. އެންމެ މޮޅު ފިރިހެން ބާސްކެޓް ކުޅުންތެރިޔަކީ އަބްދުﷲ އަމްޒަރު މުހައްމަދެވެ.
އެންމެ މޮޅު އަންހެން ނެޓުބޯޅަ ކުޅުންތެރިޔަކީ މަރިޔަމް ޝިނާތެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް އައިޝަތު ސައުސަން ހޮވުނު އިރު، އެންމެ މޮޅު ފިރިހެން ސްވިމިން އެތުލީޓަކީ މުހައްމަދު އާން ހުސައިނެވެ. ސާފިން އެންމެ މޮޅު އަންހެން އަތުލީޓަކަށް މަރިޔަމް ރާހިލް ރަޝީދު ހޮވުނު އިރު، އެންމެ މޮޅު ފިރިހެން ސާފަރަކަށް ހޮވުނީ އަހުމަދު އާގިލްއެވެ. ބޮޑީބޯޑިން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައި ވަނީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ.
އިތުރު އެވޯޑުތަކަށް ބަލައިލާ އިރު، ޓެނިސް އެންމެ މޮޅު އަންހެން އެތުލީޓަކީ އާރާ އާސަލްއެވެ. އަދި އެންމެ މޮޅު ފިރިހެން ޓެނިސް އެތުލީޓަކަށް ހޮވުނީ އަބްދުﷲ ފާއިހް ފަޒީލެވެ. ޓޭބަލް ޓެނިސް އެންމެ މޮޅު އަންހެން އެތިލީޓަކީ ފާތިމަތު ދީމާ އަލީއެވެ. އެންމެ މޮޅު ފިރިހެން ޓޭބަލް ޓެނިސް ކުޅުންތެރިޔަކީ މޫސާ މުންސިފު އަހުމަދެވެ.
ބެޑްމިންޓަން އެންމެ މޮޅު އަންހެން އެތުލީޓަކަށް މިރޭގެ ހަފުލާގައި ފާތިމަތު ނަބާހާ ހޮވުނު އިރު، އެންމެ މޮޅު ފިރިހެން ބެޑްމިންޓަން އެތުލީޓަކީ ނިބާލް އަހުމަދެވެ. ކްރިކެޓްގެ މިދިޔަ އަހަރު އެންމެ މޮޅު ކުޅުންތެރިޔަކީ އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ. އަންހެން އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ ޒުލައިހާ އިބްރާހީމެވެ. ފިރިހެން އެންމެ މޮޅު ހޭންޑް ބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ މުހައްމަދު ފިރުނާޝް އަބްދުﷲ އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ޓްރެކް އެތުލީޓަކަށް ހޮވުނީ ޖައިޝާ ޖުނީޒެވެ. ފިރިހެން އެންމެ މޮޅު އެތުލެޓިކްސް އެތުލީޓަކަށް ހޮވުނީ ހަސަން ސާއިދަށެވެ. އެތުލީޓް އޮފް ދަ އިޔާ އެވޯޑު ބޮޑީ ބޯޑިންއިން ލިބުނީ އަޒްނީން ރަޝީދަށެވެ.
ސްޕޯޓްސް މެޑިކް އެވޯޑު ހާސިލު ކުރީ ގައުމީ ފުޓްބޯޅަ ޓީމުގެ މެޑިކް ޑރ. އަބްދުﷲ ރާފިއުއެވެ. އެންމެ މެޅު ޓެކްނިކަލް އޮފިޝަލުންގެ އެވޯޑްތައް ހާސިލް ކުރީ އައިޝަތު އަހުމިޔާ އަދި އަހުމަދު ނަޝީދެވެ. ފިރިހެން އެންމެ މޮޅު ކޯޗަކަށް ބޮޑީބިލްޑިން ކޯޗު އަބްދުﷲ ހަސީބު ހޮވުނު އިރު، އެންމެ މޮޅު އަންހެން ކޯޗަކީ ނީޝާ ހަލީމެވެ.
މިރޭގެ ހަފުލާގައި އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަންގެ އެވޯޑު ހޯދީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއެވެ. މިދިޔަ އަހަރުގެ މީޑިއާ އެވޯޑުތަށް ގެންގޮސްފައި ވަނީ އަދަދުގެ އިތުރު ރާއްޖެ ޓީވީއެވެ. އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔަކަށް ހޮވުނީ އައްޒާމް އަލިފުޅަށެވެ. އެންމެ މޮޅު ކުޅިވަރު ފޮޓޯގްރަފަކަށް ހޮވުނީ މުހައްމަދު ޝާބިން އިލްހާމް ރަޝީދަށެވެ. މިރޭގެ ހަފުލާގައި ޕެރަ އޮލިމްޕިކްސް އެވޯޑު ފާތުމަތު އިބްރާހީމަށް އެރުވި އިރު، ސްޕެޝަލް އޮލިމްޕިކްސް ރެކޮގްނިޝަން އެވޯޑު އެރުވީ ޝިފްނާ އިބްރާހީމަށެވެ.
މިރޭގެ ސްޕޯޓްސް އެވޯޑްސް ހަފުލާގައި ރާއްޖެއަށް ގެނައި ހާއްސަ މެހެމާނުންނަށްވެސް ވަނީ ހާއްސަ އެވޯޑު ދީފައެވެ. އެގޮތުން އިޓަލީ ގައުމީ ޓީމާއެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް އުފުލާލި ކެޕްޓަން ފަބިއޯ ކަނަވާރޯ، ކުރިން އިންގްލެންޑް ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ލެޖެންޑަރީ ގޯލްކީޕަރު ޑޭވިޑް ޖޭމްސް އާއި އޮލިމްޕިކްސް ރަން މެޑަލް ހޯދައި، ވޯލްޑް ރެކޯޑުވެސް ހަދާފައިވާ ޕެރަ އެތުލީޓް މާލޫ ވެން ރައިން އަދި ޗެސް ގްރޭންޑް މާސްޓާ ނިގެލް ޝޯޓްގެ އިތުރުން ކްރިކެޓް ލެޖެންޑް ބްރައިން ޗާލްސް ލާރާއަށްވެސް އެވޯޑު ދީފައިވެއެވެ. އޭގެ އިތުރުން ނައިޖީރިއާގެ ކުޅިވަރާ ބެހޭ ވަޒީރު ސަންޑޭ އަކިންޑެއާއަށްވެސް ހާއްސަ އެވޯޑު އަރުވާފައިވެއެވެ.
މިރޭގެ ހަފުލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފައިވާ އިރު، ލައިފް ޓައިމް އެޗީވްމަންޓް އަރުވާފައި ވަނީ އިބްރާހީމް މަނިކް (ސަމަރުބްލޫ)، އަހުމަދު ރިޒާ (ތަރަބޫޒު ރިޒާ)، އަހުމަދު މަނިކު (ލޯޖެހި)ގެ އިތުރުން މުހައްމަދު ވަހީދު (ކުއީން) އަދި މައްލާ ޅަހުއްތުއަށެވެ.