ދެހާށް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް، އެމްޑީޕީއާއެކު ކޯލިޝަން ހަދަން ޖެހުނީ ސަބަބުތަކަކާ ހެދި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ ސަރުކާރު ކޯލިޝަންގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި އޮވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރައީސް ސޯލިހާ ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވުމާ ގުޅިގެން، ރައީސް ސޯލިހުގެ ފެކްޝަނުގައި ހިމެނޭ ބައެއް މަޖިލިސް މެންބަރުން ވަނީ، ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދޭން ގޮވާލައިފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭޕީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ ޖޭޕީ ސްލޮޓްގައި ތިބި ބޭފުޅުން އިސްތިއުފާ ނުދީފިނަމަ މަޖިލީހަށް ހާޒިރުކޮށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެންވިޔަސް އެފަރާތްތައް މަގާމުތަކުން ވަކި ކުރާނެ ކަމަށް ވިދާޅުވެ، އިންޒާރުދެއްވައިފައެވެ.
އެ ބޭފުޅުންގެ ވާހަކަތަކަށް ރައްދުދެއްވައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ޖޭޕީގެ މެމްބަރުން ސަރުކާރުގެ "މަގާމުތަކުން އިސްތިއުފާ ދިނުމުގެ ވާހަކަ އެއީ ލަދުވެތި ކަމެއް ކަމަށް ފާހަގަ ކުރެވޭ ނަޒަރިއްޔާތަކުން ވާހަކަފުޅު ދެއްކެވީމާ ދަންނަވާލަން އެއީ އެއްގޮތަކަށްވެސް ލަދުވެތިކަމެއް ނޫން،" ކަމަށެވެ.
ކޯލިޝަން އެއްބަސްވުމަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ ގޮތަަށް ވެފައިވާ އެއްބަސްވުމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އެއްބަސްވުމެއްގައި އަޅުގަނޑުމެން ސޮއިކޮށްގެން މި ސަރުކާރުގައި ތިބީ. އެހެން ކަމަށްވަންޏާ އަޅުގަނޑުމެން ދަންނަވާނީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާވެސް ޖެހޭނީ އިސްތިއުފާ ދެއްވަން،"
އެއަށްފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ޖެހުނު ސަަބަބު އޮޅުންފިލުއްވައި ދެއްވަމުން، ގާސިމް ވިދާޅުވީ، 2018 ވަނަ އަހަރު ދިމާވީ ކޯލީޝަން ހެދުން ނޫންގޮތެއް ނެތް ހާލަތެއް ކަމަށެވެ. އަދި ކޯލިޝަން ހެދީ އެއްވެސް ސިޔާސީ ލީޑަރަކަށް 2018 ގެ އިންތިހާބަށް ކުރިމަތިލެވޭނެ ފުރުސަތު ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްވެސް ސިޔާސީ ލީޑަރަކަށް ކުރިމަތި ލެވޭނެ ފުރުސަތެއް ނެތް، އެކަން އެހެން އޮތްއިރު ދެން ކުރެވޭނެ ކަމެއް ނެތީމާ ދެން ހަދަން އޮތްގޮތް ހެދީ. އެކަން ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ސާފުވެ ވަޑައިގަންނަވާނެ،،" ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު