މާދަމާ ރޭ ބާއްވަން އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ގާލާ ނައިޓް، ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަން ތައްޔާރުވަމުންދާ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެވޯޑު ހަފުލާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ފަސްކުރަން މިނިސްޓްރީން ނިންމީ ވިއްސާރަވުމުގެ ސަބަބުންނެވެ.
ޔޫތް މިނިސްޓްރީން ބުނީ މާދަމާ ރޭ ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވުމާއެކު އެވޯޑު ނައިޓް ފަސްކޮށް، އެވޯޑުގެ ހަވާސާގައި ބާއްވަން ނިންމާފައިވާ ކުޑަކުދިންގެ ހަވީރާއި މިއުޒިކް ޝޯވެސް ފަސްކޮށްފައިވާ ކަމަށެވެ. ކުޑަކުދިންގެ ހަވީރާއި މިއުޒިކް ޝޯ ފަސްކޮށްފައިވަނީ ހޮނިހިރު އަދި އާދީއްތަ ދުވަހަށެވެ.
މި ފަހަރުވެސް އެވޯޑު ހަފުލާ ބާއްވަން ހަމަޖައްސާފައިވަނީ އެކުވެނީ ދުވާ ޓްރެކް ސަރަހައްދުގައެވެ. ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ސްޕޯޓްސް އެވޯޑަށް ހާއްސަ ގިނަ މެހެމާނުންތަކެއް ގެނެސްފައިވެއެވެ.
އޭގެ ތެރޭގައި ހިމެނޭ އިޓަލީ ގައުމީ ޓީމާއެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް އުފުލާލި ކެޕްޓަން ފަބިއޯ ކަނަވާރޯ، ކުރިން އިންގްލެންޑް ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ލެޖެންޑަރީ ގޯލްކީޕަރު ޑޭވިޑް ޖޭމްސް އާއި އޮލިމްޕިކްސް ރަން މެޑަލް ހޯދައި، ވޯލްޑް ރެކޯޑުވެސް ހަދާފައިވާ ޕެރަ އެތުލީޓް މާލޫ ވެން ރައިން އަދި ޗެސް ގްރޭންޑް މާސްޓާ ނިގެލް ޝޯޓްވެސް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.
އޭގެ އިތުރުން އަދި ކްރިކެޓް ލެޖެންޑް ބްރައިން ޗާލްސް ލާރާވެސް މިފަހަރުގެ އެވޯޑު ނައިޓްގައި ބައިވެރިވާނެއެވެ.
ސްޕޯޓްސް އެވޯޑަށް ވަގުތު ކުޑަތަންވެފައިވާ އިރު، އެވޯޑަށް ކުޅިވަރުތަކުން ވާދަކުރާ އެތުލީޓުންގެ ނޮމިނޭޝަންތައްވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ.