ކުށުގެ ވެށިން ހައްޔަރު ކުރެވޭ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ޑީޕޯޓް ކުރަން ދިމާވާ މައިގަނޑު ގޮންޖެހުންތަކަކީ، އެމީހާ ނިސްބަތްވާ ގައުމެއްގެ އެމްބަސީން ލިބެންޖެހޭ އެހީތެރިކަން އެކަށީގެންވާ އަވަސްމިނެއްގައި ނުލިބުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ވޯކްޕާމިޓާއި ވިސާ ނެތި ގާނޫނުތަކާ ހިލާފަށް އުޅެމުންދާ ބިދޭސީން އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ މައްސަލަތައް ހުއްޓުވުމަށާއި ދިވެހިންގެ އިޖުތިމާއީ އަދި އިގުތިސާދީ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް އެފަދަ ފަރާތްތަކުން ކުރަމުންދާ ގާނޫނާހިލާފު ކަންކަން ހުއްޓުވުމަށް ފާއިތުވި ތިން އަހަރު ކުރައްވާފައިވާ މަސައްކަތްތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ލިއުމުން ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
އެ ސުވާލަށް މިނިސްޓަރު އިމްރާން ލިއުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، ބިދޭސީން ފޮނުވާލުމަށް އެމްބަސީތަކުން އެކަށީގެންވާ އެއްބާރުލުން ނުލިބުމުގެ އިތުރުން، ގަވާއިދާ ހިލާފުވެގެން ބަންދު ކުރާ ފަރާތްތައް ޑީޕޯޓު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަންއާ ހަވާލު ކުރުމަށް ބަލާއިރު، ޑިޓެންޝަން ފެސިލިޓީގެ ޖާގައިގެ ދަތިކަމަކީވެސް އެކަމަށް އޮތް ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ނަމަވެސް އެއީ މުސްތަގުބަލުގައި ގައުމަށް އިތުރު ނުރައްކާތައް މެދުވެރިވެދާނެ ކަމެއް ކަމުގައިވާތީ، ދައުލަތުގެ ކަމާގުޅުން ހުރި އެންމެހައި އޮފީސްތަކުން ގުޅިގެން މިކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއްކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށާއި ދިވެހިންނަށާއި ރާއްޖޭގައި ގާނޫނުތަކާ އެއްގޮތަށް ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް ލިބިދީފައިވާ އިޖުތިމާއީ އަދި އިގުތިސޯދީ ހައްގުތަކަށް ހުރަސް އެޅޭގޮތަށް ހިންގާ ޖިނާއީ ކުށަކަށްވާފަދަ އަމަލުތައް ހުއްޓުވުމުގައި އެކަމުގައި ޝާމިލުވާ ބިދޭސީންނާއި ދިވެހިންގެ މައްޗަށްވެސް ވޭތިވެދިޔަ ތިން އަހަރު ގާނޫނީ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު