މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ކަށަވަރުނުވާ ގޮތަށް އަމަލުކުރާނަމަ ޖޫރިމަނާކޮށް، އަނިޔާ ލިބޭ ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދޭނެ ގޮތްތައް ހަދަން، ހުށަހެޅި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި މިބިލު މަޖިލީހުން ބަލައިގަތީ، މިއަދުގެ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވާކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލެއް އެކުލަވާލަން މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.

ތޭރަ މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކައުންސިލްގެ މަސްއޫލިއްޔަތުގެ ތެރޭގައި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މިނިސްޓަރަށް ބޭނުންވާ ފަންނީލަފަޔާއި އިރުޝާދު ދިނުމުގެ އިތުރުން، މަސައްކަތުގެ މާހައުލާ ގުޅުންހުރި މަރު އަދި އަނިޔާތަކުގެ ތަފާސްހިސާބު ދިރާސާކުރުމާއި، މަސައްކަތުގެ މާހައުލާއި ގުޅޭ އިންޑަސްޓްރީ ކޯޑުތައް އެކުލަވާލުމުގައި ލަފާދިނުންވެސް ހިމެނެއެވެ.

މި ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ޑިރެކްޓާ ޖެނެރަލެއް ކަނޑައަލަންޖެހޭނެ ކަމަށްވެސް ބިލުގައި ވެއެވެ.

މިކައުންސިލްގައި މަސައްކަތްތެރިން ތަމްސީލްކުރާ މެމްބަރުންނާއި، ވަޒީފާ ދޭ ފަރާތްތައް ތަމްސީލް ކުރާ މެމްބަރުންނާއި، ހެލްތު މިނިސްޓްރީގެ ބޭފުޅުންވެސް ހިމެނެން ޖެހެއެވެ.

އެކައުންސިލުގެ އިތުރު ޒިންމާތަކުގެތެރޭގައި މަސައްކަތުގެ މާހައުލުގައި އެކްސިޑެންޓެއް ހިނގައިފި ހިނދެއްގައި އެކަން ތަހުގީގް ކުރުން ލާޒިމްކޮށްފައިވެއެވެ. އެގޮތުން ހެލްތު އެންޑް ސޭފްޓީ އިންސެޕެކްޝަނެއް ކައުންސިލުން ހިންގަންވާނެކަމަށާއި، ކުރާ ތަހްގީގްގެ މައްޗަށް އެކުލަވާލާ ރިޕޯޓް ޑިރެކްޓަރ ޖެނެރަލަށް ފޮނުވަން ވާނެކަމަށް ބުނެފައިވެއެވެ. އަދި އެކްސިޑެންޓެއް ނުވަތަ ހާދިސާއެއް ހިނގުމަށްފަހު، އެކަމުގެ ތަހުގީގް ނުނިމެނީސް އަދި ކަމާގުޅުންހުރި ފަރާތްތަކުގެ އެންގުމާއި ހިލާފަށް އެތަނަށް ބަދަލެއް ގެނެސްފިނަމަވެސް ޖޫރިމަނާކުރެވޭނެއެވެ.

އެފަދަ އަމަލެއް ހިންގި އެފަރާތެއް އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކުރެވިދާނެކަމަށް ވެސް ބުނެފައިވެއެވެ.

ވަޒީފާ ދޭ ފަރާތްތަކުގެ ޒިންމާ އާއި، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޒިންމާތައްވެސް ބިލުގައި ތަފްސީލްކޮށްދީފައިވެއެވެ.

އެގޮތުން ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޒިންމާތަކުގެ ތެރޭގައި، މަސައްކަތްކުރާ ތަނުގައި އެއްވެސް މީހެއްގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ 25،000ރ އިން ޖޫރިމަނާކުރެވޭނެކަމަށް ބިލުގައިވެއެވެ.

ވަޒީފާދޭ ފަރާތްތަކަށް އެއްބާރުލުން ދިނުމާއި، ސަލާމަތީ ވަސީލަތްތައް އެކަށީގެންވާ ގޮތަށް ބޭނުންކުރުމާއި، މަސައްކަތްތެރިން އަމަލުކުރަން ޖެހޭ އިތުރު ގޮތްތައްވެސް މި ބިލުގައި ވެއެވެ. އަދި އެފަދަ އެއްވެސް ކަމަކާ ހިލާފު ވެއްޖެނަމަ ވަޒީފާ އަދާކުރާ މީހާ 1،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ބިލުގައިވެއެވެ.

މަސައްކަތްކުރާތަން ހިންގާ ފަރާތްތަކުގެ ޒިންމާތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މަސައްކަތްކުރާތަނުގައި އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް އަސަރެއްކޮށްފާނެ، ވަޒީފާދޭ ފަރާތުގެ މުވައްޒަފުންނުން ފަރާތެއްވާނަމަ، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ އެކަށީގެންވާ މިންވަރަށް ކަށަވަރުކޮށްދޭންވާނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކުން ޢަމަލުކުރަން މި ބިލުގައި ހިމަނާފައިވާކަމަކާއި ޚިލާފުވެއްޖެނަމަ ފަންސާސް ހާސް ރުފިޔާއާއި ހަމައަށް ޖޫރިމަނާކުރެވޭނެކަމަށްވެސް ބިލުގަި ބުނެފައިވެއެވެ.

މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓެއްގެ ސަބަބުން ނަގައިދެވޭ ހަރަދާއި ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި ބަދަލު ލިބިދީފައި ނުވާނަމަ ދައުވާކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.