ދުނިޔެ

ނުރައްކާތެރި ގިނިހިލައެއް މިއަދު ދުނިޔެއާ ވަރަށް ގާތަށް!

ގަޑިއަކު 50472 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރަމުންދާ ގިނިހިލައެއް ކަމަށްވާ 2023 ސީއެމް މިއަދުގެ ވަގުތެއްގައި ދުނިޔެއާ 3.9 މިލިއަން ކިލޯމީޓަރު ކައިރިން ދުނިޔެ ފަހަނަޅައި ބުރެއް ފުރިހަމަ ކުރާނެ ކަމަށް ޖައްވާއިބެހޭ ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

މި ގިނިހިލަޔަކީ އެވްރެޖް ގިނިހިލަތަކަށްވުރެ ދެގުނަ ބާރު ސްޕީޑުގައި ދަތުރުކުރަމުންދާ އެއްޗެކެވެ. މީގެ ފުޅާމިނުގައި ގާތްގަނޑަކަށް 590 ފޫޓު ހުރިކަމަށް އެނގިފައިވެއެވެ. މީތި ދަތުރުކުރާ މަގުގައި އެހެން ހިލަޔަކާ މުޑިއެރުމުގެ ސަބަބުން އޭގެ މިސްރާބަށް ބަދަލެއް ނާންނަކަމަށްވަނީވިއްޔާ ދުނިޔެއާ މުޑިއެރުމުގެ ފުރުސަތެއް ނެތްކަމަށާއި ދުނިޔެއާ މުޑިއަރައިފިނަމަ އެލައްވާލާ ތަނެއްގެ ވަށައިގެން އެތައް ސަތޭކަ ކިލޯމީޓަރެއްގެ ސަރަހައްދު ސުންނާފަތިވެ ދުނިޔެއަށް ބޮޑެތި ބިންހެލުންތައް އައިސް އިންސާނުންނަށް ނުހަނު ގިނަ އާފާތްތައް ކުރިމަތިވާނޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ދުނިޔެއާ ގާތުން މިއަދު ބުރެއް ފުރިހަމަކުރާ ގިނިހިލަ އެންމެ ފުރަތަމަ ފެނިފައިވަނީ ހުސްވި ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. މި ހިލަ އެންމެ ނުރައްކާތެރި ގިންތީގެ ހިލައެއްކަމުގައި ވެފައިވަނީ އޭގެ ސައިޒާއި ދުނިޔެއާ އެންމެ ގާތަށް އޭތި އަންނާނޭ ކަމަށް އަންދާޒާ ކުރެވިފައިވާ ދުރުމިނަށް ރިއާޔަތްކޮށްފައެވެ. ދުނިޔެއާ 4.7 މިލިޔަން ކިލޯމީޓަރަށްވުރެ ކައިރިވާ މިފަދަ ކޮންމެ ގިނިހިލަޔަކީ އެންމެ ބިރުވެރި ގިންތީގެ ތެރޭގައި ގުނެމުންދާ އެއްޗެކެވެ.

ތަޖުރިބާކާރުންގެ ކަޅި މި ހިލައަށް އަމާޒުކޮށްގެން ތިބިއިރު 2046 ވަނަ އަހަރު ދުނިޔެއާ މިހާ ކައިރިއަށް އަންނާނޭ ކަމަށް ބެލެވޭ ހަމަ މިސައިޒުގެ އެހެން ގިނިހިލައެއްވެސް ދާދިފަހަކުން ވަނީ ފެނިފައެވެ. ޓެކްނޮލޮޖީ ކުރިއަރައި ޖައްވީ ހޯދުންތައް އިތުރުވަމުންދާ ވަރަކަށް ދުނިޔެއާ ދިމާލަށް އަންނަ މިޒާތުގެ ހިލަތައް ފެނުންވެސް ވަނީ ގިނަވެފައެވެ. އެމެރިކާއިން ވަނީ ދުނިޔެއާ މުޑިއަރާނެކަން ކަށަވަރުވާ ގިނަހިލަތައް މިސްރާބުން ކަސިޔާރު ކުރުމަށްޓަކައި އެތަކެތީގެ މިސްރާބަށް އަސަރުފޯރާނޭ ކަހަލަ ރޮކެޓްތަކެއްވެސް ދާދިފަހުން ތަޖުރިބާކޮށްފައެވެ. މި ނިޒާމުގެ އަޖުމަބެލުންތައް އަދިވެސް މުޅިއަކުން ނުނިމެއެވެ. ޗައިނާއިންވެސް ގެންދަނީ މިކަހަލަ ނިޒާމެއް ތަރައްގީ ކުރަމުންނެވެ.