ޗައިނާގެ ކޮމިއުނިސްޓް ވެރިކަމުގެ ބާނީ މާއޯ ޒެންޑޮންގަށްފަހު އެގައުމުގެ އެއްވެސް ލީޑަރަކަށް މިހާތަނަށް ލިބިވަޑައިގެންފައިނުވާ ކަހަލަ އާރާއިބާރު، އަދި އިއްޒަތް މިހާރުގެ ރައީސް އުމުރުފުޅުން 69 އަހަރުވީ ޝީ ޖިންޕިން ވަނީ ހޯއްދަވައިފައެވެ. ޗައިނާގެ ޕާލަމަންޓް ނުވަތަ ނެޝަނަލް ޕީޕަލްސް ކޮންގްރެސްއިން މިދިޔަ ހުކުރު ދުވަހު ވަނީ އެގައުމުގެ ރިޔާސަތުގެ ތިންވަނަ ދައުރަކަށް ރައީސް ޝީ ޖިންޕިން އިންތިޚާބުކޮށްފައެވެ. ރިޔާސީ ދައުރެއްގެ ދިގުމިނަކީ ފަސްއަހަރެވެ. މި ހަފުތާގައި އޭނާ ފެއްޓެވި އައު ދައުރު ނިމޭއިރު ރައީސްކަމުގައި ފަނަރައަހަރު ވާނެއެވެ. އެއަށްފަހުގައިވެސް އޭނާއަށް އެ މަގާމުގައި ހުންނެވުމުގެ ފުރުސަތު އެބައޮތެވެ. މުޅި އުމުރަށް ވެރިކަމުގައި ދެމިހުންނެވުމުގެ ފުރުސަތުވެސް އެބައޮތެވެ.
ރިޔާސަތުގެ ތިންވަނަ ދައުރެއް ހޯއްދެވުމަކީ ކުރިންނަމަ މުޅިން މުސްތަހީލު ކަމެކެވެ. އެއީ ގާނޫނީގޮތުން އެންމެ ގިނަވެގެންވެސް ދެ ދައުރު ކަމަށް އެކަށަައެޅިފައިވާތީއެވެ. އެހެންނަމަވެސް ދައުރުގެ އަދަދު 2018 ވަނަ އަހަރުގެ ތެރޭގައި ވަނީ އުވާލައިފައެވެ. ހަމައެކަނި ރައީސް ޝީ ޖިންޕިންއަށްޓަކައެވެ. އެހެންވީމާ ދެންއޮތީ ރައީސް ޝީ ޖިންޕިންގެ ސިއްހަތު ތަންދިން މުއްދަތެކެވެ. ގާނޫނީގޮތުންވިޔަސް އެޒާތުގެ އެނޫންގޮތަކުންވިޔަސް ހުރަހެއް ނެތެވެ. މިފަހަރު ޕާލަމެންޓުގެ ތާރީޚީ މި ބައްދަލުވުމަށް ކެންޑިޑޭޓެއްގެ ގޮތުގައި ހުށައެޅުނީވެސް ހަމައެކަނި ރައީސް ޝީގެ ނަންފުޅެވެ. ޕާލަމެންޓަށް ހާޒިރުވެވަޑައިގެން ތިއްބެވި ޖުމްލަ 2952 މެންބަރުން އޭނާގެ ނަން ބަލައިގަތީ އަދި ވޯޓުދިނީ ބަހުސަކަށްވެސް ދިޔުމަކާނުލައެވެ. ރިޕޯޓު ކާޑެއް ދިނުމަކާވެސް ނުލައެވެ.
ޗައިނާގެ ރައީސްކަމަކީ ރަމްޒީ މަގާމެކެވެ. ހަގީގީ އާރާއިބާރު އޮންނަނީ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީއަށެވެ. ފަހަކަށް އައިސް ޕާލަމަންޓުން ގައުމުގެ ރައީސްކަމަށް ހޮވަނީ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. ރައީސް ޝީ ޖިންޕިންގެ ކުރިން މި ދެމަގާމުގައިވެސް ހުންނެވީ ހޫ ޖިންޓާއޯއެވެ. ގާނޫނުގައި ބުނާ ދެ ދައުރަށްފަހު ރައީސް ޖިންޓާއޯ ވެރިކަމާ ފޭއަށް ޖެހިވަޑައިގަތީ 2013 ވަނަ އަހަރުއެވެ. ރިޔާސަތުގައި އެއްދައުރު ފުރިހަމަ ކުރައްވައިފައި އައު ރައީސް ޝީ އެންމެ އިސްކަންދެއްވީ ދައުރުގެ އަދަދު ބަޔާންކުރެވިފައިވާ މާއްދާ އުވައިލުމަށެވެ. އެ މާއްދާ އުވައިލީ 11 މާރޗް 2018 ގައެވެ. ދެކޮޅު ހެއްދެވީ އެންމެ ދެ މެންބަރުންނެވެ. އިސްލާހު ފާސްވީ 2958 މެންބަރުންގެ ވޯޓުންނެވެ.
ގައުމުގެ އެންމެ ބާރުގަދަ ލީޑަރަކީ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ކަމަށްވާއިރު އެމަގާމަށް ބޭފުޅަކު އައްޔަންކުރަނީ ކޮންމެ ފަސްއަހަރަކުން އެއްއަހަރު ޕާޓީން ބާއްވާ ޚާއްސަ ކޮންގްރެސްއެއްގައެވެ. ރައީސް ޝީ ޖިންޕިން މި މަގާމަށް އެންމެފަހުން އައްޔަންކުރީ ހުސްވި 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ޕާޓީގެ ކޮންގްރެސްގައެވެ. ޗައިނާގެ ޕާލަމެންޓް ނުވަތަ އެންޕީސީއަށް މަންދޫބުން ހޮވަނީ ޕާޓީގެ ކޮންގްރެސްގައެވެ. އެންޕީސީއަކީ އެހެން ގައުމުތަކުގެ ޕާލަމަންޓް ބައްދަލުވާހެން ބައްދަލުވާ މަޖިލީހެއް ނޫނެވެ. މި މަޖިލީސް އެއްތަންވާނީ ކޮންމެ އަހަރެއްގެވެސް ރަބީއު މޫސުމާ ދިމާކޮށް ދެހަފުތާއެއްހައި ދުވަހަށެވެ. ގައުމުގެ ރައީސާއި ބޮޑުވަޒީރާއި ދެންވެސް އެޒާތުގެ މަގާމުތަކަށް މީހުން އައްޔަންކުރުމާއި ދުރުކުރުމުގެ ބާރު އޮންނަނީ މި މަޖިލީހަށެވެ.
ޗައިނާގެ ޕާލަމަންޓްގެ މިފަހަރުގެ ބައްދަލުވުމުގައި ރައީސްކަމުގެ އައު ދައުރަކަށް ޝީ ޖިންޕިން އައްޔަންކުރުމުގެ އިތުރަށް ދެވަނައަށް ގައުމުގެ އެންމެ ބާރުގަދަ މަގާމު ކަމަށްވާ ބޮޑުވަޒީރު ކަމަށް ލީ ކިއާންގް ވަނީ އައްޔަންކޮށްފައެވެ. އުމުރުފުޅުން 63 އަހަރުވީ ލީ ކިއާންގަކީ ރައީސް ޝީގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާއަށް ވަފާތެރި އެކުވެރިއެކެވެ. ބޮޑުވަޒީރުގެ މައިގަނޑު ޒިންމާއަކީ ގައުމުގެ އިގްތިސާދެވެ. އިގްތިސާދީ އެންމެހައި ކަންކަން ކުރިއަަށް ގެންދަވާނީ ރައީސް ޝީ ޖިންޕިން އަންގަވާ ގޮތެއްގެ މަތިން ބޮޑުވަޒީރު ލީ ކިއާންގެވެ. މި މަގާމަށް ލީ ކިއާންގް އައްޔަން ކުރެވުމަކީވެސް ރައީސް ޝީގެ ބާރު އިތުރަށް ވަރުގަދަވުމެކެވެ. އައު ބޮޑުވަޒީރަކީ ކޮމިއުނިސްޓް ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ޕޮލިޓްބިއުރޯގެ މެންބަރެކެވެ. މިއީ ރައީސް ޝީ ޖިންޕިންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސައުވީސް މެންބަރުންގެ މައްޗަށް އެކުލެވޭ ގައުމުގެ ހިންގާ ކޮމިޓީއެވެ.
ރައީސް ޝީ ޖިންޕިންއަށް އަދި އިތުރު މަގާމެއްވެސް އޮވެއެވެ. އޭނާއަކީ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއަރމަނެވެ. މި މަގާމުގެ ސަބަބުން ޗައިނާގެ މުޅި އަސްކަރިއްޔާގެ މައްޗަށް ރައީސް ޝީގެ ފުރިހަމަ އިޚުތިޔާރު އޮވެއެވެ. ދެން މި ކޮމިޝަނުގައި ތިއްބަވަނީ މުޅިންވެސް ސީނިއަރ ޖެނެރަލުންނެވެ. ކޮމިޝަނަށް މެންބަރުން އައްޔަންކުރަނީ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯއިންނެވެ. ޗައިނާގެ އަސްކަރިއްޔާގެ އެންމެ މަތީ ކޮމާންޑް އޮންނަނީ މި ކޮމިޝަނަށެވެ. މީގެކުރީގައި މިހުރިހައި ބާރަކާއި އިޚުތިޔާރެއް އެއްބޭފުޅެއްގެ މުށުތެރެއަށް ޖަމާވެފައިއޮތީ ޗައިނާގެ ބާނީ މާއޯ ޒެންޑޮންގެ ދައުރުގައެވެ. އޭނާ ވެރިކަން ކުރެއްވީ 1949 ވަނަ އަހަރުގެ ކޮމިއުނިސްޓް އިންގިލާބުން ފެށިގެން 1976 ވަނަ އަހަރު އޭނާ އަވަހާރަވުމާ ހަމައަށް ޖުމްލަ ހަތާވީސް އަހަރުއެވެ.