ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓު ޖައްސައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު ހަވީރު 5:28 ގައި ފަރެސްމާތޮޑާ އެއާޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482 ކަމަށެވެ. މިއީ ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ދަތުރުކުރައްވައިފައެވެ. އަދި މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި ސަރުކާރުގެ ބައެއް އިސްވެރިންވެސް ވަނީ އެފްލައިޓްގައި ދަތުރުކުރައްވައިފައެވެ. އެބޭފުޅުން އެރަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވާ އިރު، މޯލްޑިވިއަނުން ވަނީ ފަރެސްމާތޮޑާ އެއާޕޯޓަށް "ޕްރޮމޯޝަނަލް ފެއާ" އެއް ފަށައިފައެވެ. މި ފެއާގެ ދަށުން ދަތުރު ކުރުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 16 ވަނަ ދުވަހާއި 19 ވަނަ ދުވަހުއެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި ދަތުރުގެ އެއްކޮޅު ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 1,574 ރުފިޔާއަށް ކަމަށާއި ދެކޮޅު ޓިކެޓެއްގެ އަގަކީ 3،148 ރުފިޔާ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އެއާޕޯޓު ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި ފަރެސްމާތޮޑާ އެއާޕޯޓުގައި ވަނީ 1،200 މީޓަރުގެ ރަންވޭއެއް އަޅައި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔަ ޕެޑް އަދި ފަޔަ ރޯޑެއްގެ އިތުރުން ފަޔަ ސްޓޭޝަނެއްވެސް ތަރައްްގީކޮށްފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.