ފަސް ކިލޯމީޓަރު 20 މިނެޓަށްވުރެ އަވަހަށް ދުވި ފުރަތަމަ އަންހެން ދުވުންތެރިޔާގެ ޝަރަފާއެކު ސަމްހާ އަހުމަދު ފަހުރުވެރި ރެކޯޑެއް ހޯދައިފިއެވެ.

ޖަރުމަނުގައި އިއްޔެ ބޭއްވި ރޯޑް ރަންގައި ދުވެ ސަމްހާ އާކުރީ އޭނާގެ އަމިއްލަ ރެކޯޑެކެވެ. އިއްޔެ ޖަރުމަނުގައި ކުރިއަށްދިޔަ ރޭހުގައި ދުވެ، ސަމްހާ ރޭސް ނިންމީ 19 މިނެޓް، 15 ސިކުންތުންނެވެ. އެއީ 20 މިނެޓުގެ ކުރިން ދިވެހި އަންހެން ދުވުންތެރިޔަކު، ފަސް ކިލޯމީޓަރުގެ ރޭހެއް ނިންމި ފުރަތަމަ ފަހަރެވެ.

ސަމްހާ އަތުގައި ކުރިން އެ ރެކޯޑު އޮތީ 20 މިނެޓް، އަށް ސިކުންތުން ރޭސް ނިންމައިގެންނެވެ.

އިއްޔެގެ ރެކޯޑާއެކު ސަމްހާ ފޭސްބުކްގައި ބުނީ ކާމިޔާބާއެކު ވަރަށް ބޮޑަށް އުފާވެފައި ހުރި ކަމަށާއި ޕާސަނަލް ބެސްޓަކާއެކު ގައުމީ ރެކޯޑް ހެދުމަކީ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. އޭގެ އިތުރުން ސަމްހާ ވަނީ އާއިލާއިންނާއި ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު) ދިން އެއްބާރުލުން ފާހަގަކޮށްފައެވެ.

ޖަރުމަނުގައި ދިރިއުޅެމުން އަންނަ ސަމްހާގެ ޓްރެއިނިންތައް ކޯޗު ނަސްރާއެކު މިހާރު ކުރިއަށްގެންދާ އިރު، މިހާރު ސަމްހާ އަންނަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ހާއްސަކޮށް ދިގު ދުވުމާއި މިޑަލް ޑިސްޓެންސް ރަނިންގައިވެސް ސަމްހާ ވަނީ ރެކޯޑު ކާމިޔާބީތަކެއް ހޯދައިފައެވެ.