ދެކުނު އިގްތިސާދީ މައި ދޮރާށި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މާލޭގެ މީރުމާ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. އެ އެއާޕޯޓް ތަރައްގީކުރަން ހަވާލުކުރި އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޗެއާމަން ސެލްވަ ސުންދަރަމެވެ.
އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ އަދި 1970 ވަނަ އަހަރު ވުޖޫދުވި ރެނާޓަސް ކުންފުންޏަކީ ރާއްޖޭގައި ބައެއް ހައުސިން މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނު ފައިސާގެ ދަށުންނެވެ.
އެ އެއާޕޯޓް ތަރައްގީކުރަނީ އަހަރަކު 1.5 ޕަސިންޖަރުންނަށް ހިދުމަތްދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން އެއާޕޯޓް ޓާމިނަލަކާއި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖު ވަސީލަތްތަކާއި ކޯލްޑް ސްޓޯރޭޖަކާއި ކާގޯ ވަސީލަތްތަކާއި މުޅިން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނަކާއި އެއާޕޯޓްގެ މަގުތަކާއި ޕާކިން ސަރަހައްދެއް ތަރައްގީކުރާން ވަނީ ހަމަޖައްސައިފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސްއާ ހަވާލުކުރީ މިމަޝްރޫއަށް ޕްރީ ކޮލިފައި ކުރި ހަތް ކުންފުނީގެ ތެރެއިންނެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު