އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަލުން ބާއްވައިދިނުމަށް އެދި ސިވިލްކޯޓަށް ހުށަހެޅި މައްސަލައަކީ، އެ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް އޮތް މައްސަލައެއްނޫން ކަމަށް އެންޑީޕީން ކޯޓުގައި ބުނެފިއެވެ.
ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލްކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލައާއެކު އެ ޕްރައިމަރީގެ ނަތީޖާއަށް އަމަލު ކުރުން މަޑުޖައްސައިލުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައިވެއެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ ގ.އީކުއޭޓާ އަލީ އަމްޖަދު ނަމަކަށް ކިޔާ މީހެކެވެ.
ކޯޓުގައި މިއަދު އޮތީ ޕްރައިމަރީގެ ނަތީޖާއަށް އަަމަލުކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލައިގެ އަޑުއެހުމެކެވެ.
ވަގުތީ އަމުރާ މެދު ގޮތެއް ނިންމުން ބޭއްވި އަޑުއެހުމުގައި، އެ މައްސަަލަ ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ނެތް ކަމަށް އެމްޑީޕީން ހުށަހެޅުމުން، އަމުރާމެދު ގޮތެއް ނިންމުން ފަސްކޮށް އިތުރު އަޑުއެމެއް ބާއްވަން ކޯޓުން ނިންމިއެވެ. އެއީ އެ މައްސަލަ ބެލުމުގައި ސިވިލްކޯޓުގެ އިހުތިސޯސާ މެދު ދެކޭ ގޮތް ހުށަހަޅަން، އެ އަމުރު ނެރެދިނުމަށް އެދުނު އަލީ އަމްޖަދުގެ ވަކީލުން ކަމަށްވާ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުލް ސައްތާރަށް، ފުރުސަތު ދިނުމަށްޓަކައެވެ.
އެގޮތުން އޭނާގެ ވަކީލުންނަށް 10 ދުވަހުގެ ފުރުސަތެއް އެ ފަރާތަށް ދިނުމަށް ވަނީ ނިންމައިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މައްސަލައިގައި، އަމްޖަދުގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލަ ބިނާކޮށްފައި އޮތީ، އެ ޕްރައިމަރީގެ ކެމްޕެއިންގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަ ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅު ކުރެއްވި ކަންބޮޑުވުންތަކުގެ މައްޗަށެވެ. އެއީ އެ ޕާޓީން 39،000 މެންބަރުން ވަކިކޮށްފައިވާ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި ވާހަކަ ތަކަށެވެ.
އެގޮތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ، އެމްޑީޕީގެ މެންބަރަކު ވަކިކުރުމަކީ އެ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނައިރު، ޕާޓީން 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެފައެވެ. ރިޔާސީ ޕްރައިމަރީގައި ވޯޓުލި މީހުންގެ 61 އިންސައްތައިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިމަރި ކާމިޔާބު ކުރައްވާފައިވާއިރު، ރައީސް ނަޝީދު ވަނީ އެކަން ބަލައިގަތުމަށް އިންކާރު ކުރައްވައިފައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.
މިދިޔަމަ ފެބްރުއަރީމަހުގެ 17 ގައި ރައީސް ސޯލިހާ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާއިރު، އެކަން ހުއްޓުވުމަށާއި ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ރައީސް ނަޝީދުގެ ފެކްޝަނުން ވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ ފެކްޝަންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި ޕޮލިސް ބޯޑުގެ މެންބަރެއް ކަމަށްވާ ހާމިދު އަބްދުލްޣަފޫރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު