ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖައިޝަންކަރާ އެކު ބޭއްވި ބައްދަލުވުމުގައި "މޯލްޑިވްސް އިންޑިއާ ޕާޓްނާޝިޕް" އާ ގުޅޭ ގޮތުންނާއި ދެ ގައުމުގެ ދެމެދުގައި މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އިންޑިއާގައި މިފަހަރު ޖީ20 ސަމިޓު ބާއްވާތީ ޝާހިދު ވަނީ އެކަމަށް ތައުރީފު ކުރައްވައިފައެވެ.

ޝާހިދު މި މަހުގެ އެއްވަނަ ދުވަހު އިންޑިއާއަށް ވަޑައިގަތީ ނިއު ދިއްލީގައި ބާއްވާ އަށްވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ.

މި އަހަރުގެ ކޮންފަރެންސް އަމާޒުކޮށްފައިވަނީ، "ހާޓް އޮފް ދަ މެޓާ: ލައިފް (ލައިފްސްޓައިލް ފޯ އެންވަޔަރަމަންޓް) ފޯ އަވާ ކޮމަން ފިއުޗާ" އާ ގުޅުވައިގެންނެވެ. އެ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވާއެވެ.