ކާބޯތަކެތީގެ އަގު ނުވަތަ އިންފްލޭޝަން މިދިޔަ އެއް އަހަރުގެ ތެރޭގައި ހަތް ޕަސެންޓް ބޮޑުވެއްޖެއެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ އަންގާރަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ފެށުނު އިރު ކާބޯތަކެތީގެ އަގު ހުރީ 1.94 ޕަސެންޓުގައެވެ. ނަމަވެސް އެ އަހަރު ނިމުނު އިރު, އެ އަދަދު ވަނީ 7.82 ޕަސެންޓް ބޮޑުވެފައެވެ.
ކާބޯތަކެތީގެ އަގު ބޮޑުވި އިރު, މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅައިބަލާ އިރު, މި ޖެނުއަރީ މަހު ތަކެތީގެ އަގު ވަނީ 0.96 ޕަސެންޓް އިތުރުވެފައެވެ. އަދި މަހުގެ އަގުތަކަށް އައި ބަދަލު ނުލާ ބަލައިފިނަމަ މި އަހަރުގެ ޖެނުއަރީ މަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.92 ޕަސެންޓުގައެވެ.
މިއީ މިދިޔަ އަހަރުގެ ތެރޭގައި އެއް މަހުން އިންފްލޭޝަން އެންމެ ބޮޑަށް އިތުރުވި މަހެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން, މަހެއްގެ ތެރޭގައި އެންމެ ބޮޑަށް އުފުލިފައިވަނީ ކެފޭ އާއި ރެސްޓޯރެންޓް އަދި ދުންފަތުގެ ބާވަތްތަކުގެ އަގެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށްވުރެ ޖެނުއަރީ މަހު ކެފޭ އަދި ރެސްޓޯރެންޓްތަކުން ވިއްކާ ތަކެތީގެ އަގު ވަނީ 4.4 ޕަސެންޓް މައްޗަށް ގޮސްފައެވެ. އަދި ދުންފަތުގެ ގޮތުގައި ވިއްކާ ތަކެތީގެ އަގު ވަނީ 4.9 ޕަސެންޓް މައްޗަށް ގޮސްފައެވެ.