ދުނިޔެ

މަހުޖަނުންގެ ލިސްޓުގެ އެއްވަނަ އަނެއްކާވެސް އީލޮން މަސްކަށް

ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ލިސްޓުގެ އެއްވަނަ ދެކުނު އެފްރިކާއަށް އުފަން އެމެރިކާގެ މަހުޖަނު އީލޮން މަސްކު އަނެއްކާވެސް ހޯދައިފިއެވެ. އޭނާއަށް މި މަގާމު އަލުން ލިބުނީ އެއްވަނަ ގެއްލި ލިސްޓުގެ ފަހަތަށް ސޮއްސައިލިތާ ދެމަސް ފަހުންނެވެ.

ދުނިޔޭގެ މަހުޖަނުންގެ މިލްކިއްޔާތު މިނެކިރާ ތަރާދުކަމަށްވާ ބްލޫމްބާގް އިންޑެކްސް ދައްކާގޮތުން އީލޮން މަސްކުގެ މިލްކިއްޔާތުގެ އަގަކީ މިވަގުތު 187.1 ބިލިޔަން ޑޮލަރެވެ. ކުރިން އެއްވަނާގައި އުޅުނު ފަރަންސޭސި މަހުޖަނު ބާނަޑް އާނޯލްޓްގެ މިލްކިއްޔާތުގެ އަގަކީ މިހާރުގެ ހިސާބުތައް ދައްކާގޮތުން 185.3 ބިލިޔަން ޑޮލަރެވެ.

އީލޮން މަސްކަށް އަލުން އެއްވަނަ ލިބުމުގެ މައިގަނޑު ސިއްރަކީ އޭނާގެ ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު ދުނިޔޭގެ ހިއްސާގެ ބާޒާރުގައި މިއަހަރު ކުއްލިއަކަށް އުފުލިގެން ދިއުމެވެ. ޓެސްލާގެ ނަސީބު ބަދަލުވެގެން މިދިޔައީ ހުސްވި 2022 ވަނަ އަހަރުގެ ފަހުކޮޅު އެކުންފުނީގެ ހިއްސާތަކުގެ އަގު ވަތަށް އަޑިއަޅާލައި ގާތްގަޑަކަށް 200 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވުމަށްފަހުގައެވެ. މިއީ ދުނިޔޭގެ މާލީ ބާޒާރުގައި އެއްބަޔަކަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބުނު ކަމަށް ރިކޯޑުތަކުން ދައްކާ އެންމެ ބޮޑު ގެއްލުމެވެ.

އީލޮން މަސްކުގެ ނަސީބުގެ ތަރި މެދުއުޑަށް އެރިއިރު ބްލޫމްބާގް ލިސްޓުގެ ތިންވަނައިގައި ކުރިން އުޅުނު އިންޑިޔާގެ މަހުޖަނު ގައުތަމް އަދާނީގެ ނަސީބުގެ ތަރި ވަނީ ބޮޑުތަނުން އޮއްސިފައެވެ. އޭނާގެ ކުންފުނިން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމުގެ ރިޕޯޓުތަކާ ގުޅިގެން އަދާނީ ގްރޫޕުގެ ހިއްސާގެ އަގުވަނީ މުޅިން ވެއްޓިފައެވެ. މިކަން މިގޮތަށްވުމުގެ ކުރިން ވަރަށް ގިނަބަޔަކު ހީކޮށްގެންތިބީ ލަސްތަކެއްނުވެ މަހުޖަނުންގެ ލިސްޓުގެ އެއްވަނަ އަދާނީ ހޯދާނެ ކަމުގައެވެ.