އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ 28.5 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއްގައި މިމަހު ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް، އެމްޑީޕީގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީގެ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށްބުނެ، އެ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓު ޕްރައިވަޓައިޒް ކުރުމަށް ގޮވާލައި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، އެއާޕޯޓު ޕްރައިވަޓައިޒް ކުރަން ގޮވާލާ ގަރާރު ހުށަހެޅިއިރު، އެ އެއާޕޯޓަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޕްރައިވަޓައިސް ކޮށްފައިވާ ތަނެއް ކަމަށެވެ.
"މިހާރުވެސް އެއީ ޕްރަވަޓައިޒް ކުރެވިފައިވާ އެއާޕޯޓެއް އެ ކުންފުންޏަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް އެއީ ޕަބްލިކު ކުންފުންނެއްނޫން އަދި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮތް ކުންފުންޏެއްވެސް ނޫން، އެތަނުގެ ސަރުކާރުގެ ހިއްސާއަކީ 70 ޕަސެންޓް އަދި ކާސާ ހޯލްޑިންގްސް 30 ޕަސެންޓް ޕްރައިވެޓައިސް ކުރެވިގެން ދިޔައީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގަ،"
ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން، އަސްލަމް ވިދާޅުވީ، ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދި އިކޮނޮމިކް މިނިސްޓްރީ އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން އޭނާއަށް ފޮނުވާފައިވާ ދައުވަތެއް ލިބިފައިވާ ކަމަށެވެ. އެއީ މިމަހުގެ ފަސްވަނަ ދުވަހު އޮތް ރަސްމިއްޔާތެއް ކަަމަށްވެސް ވިދާޅުވިއެވެ.
އެއީ "ވަރަށްގިނަ މަސައްކަތް ތަކަކަށްފަހު، ފައިސާ ހަަމަޖެހިގެން އިއުލާން ކުރެވިގެން ބިޑަށް ކުރިމަތިލި ފަރާތްތަކުގެ ބިޑް އިވެލުއޭޓް ކުރެވިގެން ޓެކްނިކަލް އިވެލުއޭޝަން އާއި ފައިނޭންޝަލް އިވެލުއޭޝަން ނިމިގެން ފަށާ 28.5 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް،" ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ބުނެފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޒަމާނީ ވަސީލަތްތަކާ އެކު ކަމަށެވެ.
އެ އެއާޕޯޓުގައި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް ވެސް ގާއިމު ކުރާނެއެވެ. ކޯލްޑް ސްޓޯރޭޖަކާ އެކު ކާގޯ ވަސީލަތްތައް ވެސް ގާއިމުކުރާއިރު، އެއާޕޯޓުގެ މަގުތައް ތަރައްގީ ކުރުމުގެ އިތުރުން ވެހިކަލް ޕާކިން ޒޯނެއްވެސް ތަރައްގީ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު