ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޓާޝަރީ ހޮސްޕިޓަލްތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންވާ ވައުދުފުޅުގެ ދަށުން ގދ. ތިނަދޫގައި ހަދަން ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބުދުލް މުގުނީ ލިޔުމުން މިނިސްޓަރު އޮފް ހެލްތު އަހުމަދު ނަސީމާ ކުރެއްވި ސުވާލުގެ ޖަވާބުގައި، ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްދާ ޑިޒައިންގެ މަސައްކަތް ނިމުމުން ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ރާވާފައިވާ ފަސް ހޮސްޕިޓަލްގެ ތެރޭގައި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑު ސިޓީ ހިތަދޫގައި ތަރައްގީކޮށްފައިވާ ޓަޝަރީ ހޮސްޕިޓަލް ހިމެނެއެވެ.

މިނިސްޓަރު ނަސީމު މީގެ ކުރިން ވިދާޅުވެފައި ވަނީ، ޓާޝަރީ ހޮސްޕިޓަލްތައް ނިމުމުން އާދައިގެ ކަންކަމުގައި މާލެއަށް ފަރުވާ ހޯދަން އަންނަ ނުޖެހޭނެ ކަމަށެވެ.