ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބު، ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވައިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އަލުން މަގާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ކަމަށްބުނާ ދުސްތޫރީ އޮޅުންބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ަގރާރެއް ހުށަހަޅުއްވައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅޫ ޕީޕީއެމްގެ މެންބަރު މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގެވެ. މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓަށްވެސް ހުށަހަޅައިފައެވެ.
މެންބަރު އަހުމަދު ތޯރިގު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ރައީސްގެ މަގާމާ ނާއިބު ރައީސް ފައިސަލް ނަސީމު ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ރ) ގައި ބުނާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބަލަން ޖެހޭ ކަމަށެވެ.
އެއީ އެއްވެސް ސަބަބަކާ ހުރެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމާ ހަވާލު ވާނީ ނައިބު ރައީސް ކަމަށް ބުނާ މާއްދާއެވެ. އެކަމާ ގުޅިުގެން މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަކީ ފައިސަލް ކަމަށް ވެސް ދުސްތޫރީ ގޮތުން ބަލަން ޖެހޭ ކަމަށް ފެންނަން އޮތް ކަމަށްވެސް ގަރާރުގައި ވެއެވެ.
ނަމަވެސް އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަލުން އެ މަގާމާ ހަވާލުވެވަޑައިގަންނަވާފައި ވާތީ އޭގެ ސަބަބުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް އުފެދިފައިވާކަމަށްވެސް ގަރާރުގައި ވެއެވެ.
އެހެންކަމުން މި މައްސަލާގައި ފައިސަލާ ކުރުވަނިވި ސާފު ހައްލެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހޯދައިދޭން ޖެހޭ ކަމަށް ދެކޭތީ އެފަދަ ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ކަމަށްވެސް ގަރާރުގައިވެއެވެ.
ހުސްވި އަހަރުގެ ފެބުރުއަރީ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސާޖަރީއެއް ހެދުމަށް ރާއްޖޭން ބޭރަށް ވަޑައިގެން، އެ މަނިކުފާނުގެ ޒިންމާތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވި އެވެ. އެ ދުވަހުގެ ހެނދުނު 6:00 ގައި ފައިސަލް ނަސީމާ ޒިންމާތައް ހަވާލުކުރެއްވި ނަމަވެސް ހެނދުނު 9:30 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން ޒިންމާތަކާ ހަވާލުވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު