ހިޔާ މަޝްރޫއުގެ ދަށުން ފެންކުންފުނިން އިމާރާތް ކުރި ފުލެޓުތައް ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގެ "މަލަސް ރެސިޑެންޓް" މިއަދު ރަސްމީކޮށް ހަވާލުކުރި ނަމަވެސް އެތަނުގައި ޖެނުއަރީމަހުން ފެށިގެން މީހުން ވަނީ ދިރިއުޅެން ފަށާފައެވެ.

މި ފްލެޓުތައް ރަސްމީކޮށް ހަވާލުކުރުމަށް މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އެކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ "މަލަސް ރެސިޑެންޓް"ގެ ފްލެޓުތައް މިއަދު ރަސްމީކޮށް ހަވާލުކޮށްލުމަކީ އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެ، ދިރިއުޅޭނެ އަމިއްލަ ތަނެއް ހެޔޮއަގުގައި ލިބުމުގެ މަގުފަހުވެގެންދިޔަ ކަމެއް ކަމަށެވެ.

ޝާހު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިޔުމުގެ މަގު ފަހިކޮށްދިނުމަކީ، އެކަމަށް އެދި އެދި ތިބި އެތައް ބަޔަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެން ވާނީ މި ފްލެޓުތަކަށް ފައިސާ ދެއްކުމަށްވެސް ލުއި ގޮތްތަކެއް ކަނޑައަޅާފަ. އެއީ އިސްލާމިކް ބޭންކް މެދުވެރިކޮށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް އަޅުގަނޑުމެން ވާނީ އިންތިޒާމުތައް ހަމަޖައްސާފަ. އެހެންވީމަ އަޅުގަނޑު އުއްމީދުކުރަނީ މި މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މުވައްޒަފުންނަށް ހިތްހަމަޖެހިގެން ހެޔޮއަގުގައި އާއިލާއާއެކު އުޅެވޭނެ ކަމަށް." އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސަމީރު ވިދާޅުވީ މިހާރު ފްލެޓު ނުލިބިތިބި މުވައްޒަފުންނަށްވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓުތައް ލިބޭނެގޮތް ހެދުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި މިކަން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

މަލަސް ރެސިޑެންޓުގައި 192 އެޕާޓުމަންޓު ހިމެނެއެވެ. އެއީ ތިން ކޮޓަރީގެ 60 އެޕާޓުމަންޓާއި ދެ ކޮޓަރިއާއި މެއިޑް ކޮޓަރި ހިމެނޭ 40 އެޕާޓުމަންޓާއި އެއް ކޮޓަރީގެ 92 އެޕާޓުމަންޓެވެ. މިތަނުގައި ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ޕާކު ކުރާނެ ސަރަހއްދެއްގެ އިތުރުން ފިހާރައެއް ވަނީ ގާއިމުކޮށްފައެވެ. މި ފްލެޓަށް ދައްކަންޖެހޭ އެންމެ ބޮޑު ކުއްޔަކީ 14000 ރުފިޔާއެވެ.

ފެންކުންފުނީގެ 131 މުވައްޒަފަކަށް މިހާރު ފްލެޓުގެ ތަޅުދަނޑި ހަވާލުކޮށްފައިވާއިރު 25 ފްލެޓަށް ކުރިމަތިލީ މުވައްޒަފުން އިވަލުއޭޝަން މަރުހަލާގައި ތިބި ކަމަށް އެކުންފުނިން ބުންޏެވެ. އަދި ބާކީހުރި 25 ފްލެޓުވެސް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންނަށް ދޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ "ދި 23rd މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ޕްރައިވެޓް ލިމިޓެޑް އޮފް މިނެމެޓަލްސް"އާއެވެ. މި މަޝްރޫއަކީ އެމްޑަބްލިއުއެސްސީން ފަންޑުކޮށްގެން ހިންގި މަޝްރޫއެކެވެ.