ރައްޔތުންގެ މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ ހަރުގެއެއް ނޫންގޮތުގައި ދެކުމަކީ ރަނގަޅުކަމެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުން ފިރިހެން މެންބަރުން ނެރުމަށް ފިރިހެން އޮފިސަރުން ހަމަޖެއްސޭނެ ގޮތް ހެދުމަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
ޖާބިރު ވިދާޅުވީ، އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ފުރަތަމަ މަޖިލީހަށް ވެންނެވި ދުވަސްވަރު، މަޖިލީހުގެ ރިޔާސަތުން ކަންތައް ކުރަމުން އައީ މެންބަރުންނަށް ވަރަށް އުނދަގޫވާ ގޮތަށް ކަމަށެވެ.
"އެއީ ވަރަށް އުނދަގޫ ދުވަސްވަަރެއް، އަނެންހެން ބުނަންޏާ އެއީ ތުރާ ބޮޑުވެގެން ސަރުކާރުގެ ނުހޮރުއްޕާން ބޮޑުވެގެން މި މަޖިލީހުގައި އަނގައިން ނުބުނެ ތިބެން ޖެހުނު ދުވަސްވަރެއް، އޭރު އަނގައިން ނުބުނެ މަޖިލީހުގައި ގިނަ ވަގުތުވާ މީހަކީ މާ މާތްމީހެއް ކަމުގެ ލަގަބު ލިބިގެންދިޔައީ، އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ކޮމާންޑަރެއް،"
ނަމަވެސް ޖާބިރު ވިދާޅުވީ، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެފަދައިން އަމަލު ކުރާތަން ނުފެންނަ ކަމަށެވެ. މަޖިލީހުގެ މިއަދުގެ ދަންފަޅިވެސް މަޖިލިސް ރައީސް ކުރިއަށް ގެންދަވަނީ ވަރަށް ކެތްތެރިކަމާއެކު ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިހާރު މަޖިލިސް ފެނިގެން ދަނީ، އެމްޑީޕީގެ ހަރުގެއެއް ގޮތުގައި ކަމަށާއި، އެނޫން ގޮތަކަށް ރައްޔިތުންގެ މަޖިލީހެއްގެ ގޮތުގައި މަޖިލިސް ހިންގަން ޖެހޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑަށް ފެނިގެން މިދަނީ އެމްޑީޕީގެ ހަރުގެއެއްގެ ގޮތަށް މިތަން ހިންގާތަން، މަޖިލީހުގެ ރައީސްގެ އެކަނި މައްސަލައެއްނޫން މީކީއެއް، އެބައި ދޫކޮށްލާފަ ރައްޔިތުންގެ މަޖިލިސް ހިންގަމާ ހިނގާށޭ، މިހާރު އަޅުގަނޑުމެން ރައްޔިތުންގެ މަޖިލިސް ހިންގަން އެބަޖެހެއޭ މިހާ ބައިވަރު ކަންތައްތައް ގައުމަށް ބޭނުންވެއޭ އެބަ،"
ޖާބިރުގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ދައުރެއް މަޖިލީހުގައި އެބަ އޮތް ކަމަށެވެ. އަދި މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ ހަރުގެއެއް ނޫން ގޮތުގައި ދެކުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހަށްވުރެން ބޮޑު ސިޔާސީ ހަރުގެއެއް މި ރާއްޖެއަކު ނެތް ކަމަށާއި މިއީ ރާއްޖޭގެ ސިޔާސީ ހަރަކާތުގެ ނާރެސް ކަމަށްވެސް ވިދާޅުވިއެވެ.
"މިތަނުގައި ސިޔާސީ ވާހަަކަ ދައްކާނީވެސް، މިތަނުގައި ސިޔާސީ އެއްބަސްވުންތައް ވާނީވެސް، މިތަނުގައި ދެބަސްވުންތައް ވާނީވެސް، މިތަނުގައި ސިޔާސީ ޒުވާބު ކުރާނީވެސް، އެހެންވީމަ އަޅުގަނޑަށް ފެންނަ ގޮތުގައި ބައެއް ފަހަރު މެންބަރުން ފާހަގަ ކުރައްވައި، މެންބަރުންގެ ޕާޓީގެ އެތެރޭގެ ބައެއް ހައްސާސް ކަންތައްތަކުގެ ވާހަކަ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު