ރަށްރަށުގައި ފެނާ ނަރުދަމާނެ ނިޒާމު ގާއިމު ކުރުމުގެ ކުރިން، ޗަކަސް ފެނުން ފެންވަރަން ޖެހުމުން، ކިތަންމެ އަގުބޮޑު ސެންޓެއްް ޖެހިނަމަވެސް އަންހެން ބޭފުޅުންގެ ގައިން މާ މީރުވަސް ނުދުވާ ކަމަށް ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާޝިދު މިއަދު މަޖިލީހުގެ ޖަލްސާގައި ވިދާޅުވުމުން ރިޔާސަތުން އެކަން ހުއްޓުވައިފި އެވެ.
ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ރާޝިދު ވިދާޅުވީ، ލޯނު ނަގައިގެންވިޔަސް ރަށްރަށުގެ ތަރައްގީއަށް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މުހިއްމު ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރަށްރަށުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްގެންދާކަމަށް ރާޝިދު ވިދާޅުވިއެވެ.
އޭގެ މިސާލެއްގެ ގޮތުން ރާޝިދު ވިދާޅުވީ، "ރަށްފުށުގެ ފެނުގެ ނިޒާމު ނެތިގެން އަނެކެއްޗެއް ނެތިގެން، އަޅުގަނޑުމެންގެ ރަށްފުށުގައި އެތިބަ ރީތި ލޯބި އަންހެންކުދިންގެ މޫނުމަތިން، މިއަދު ފެންލިބެން ފެށީމާ އެ ފެންނަ ޗާލުކަން އަޅުގަނޑުމެނަށް އެބަ ފެނޭ، އެބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނިކުތް ނަމަވެސް މީގެކުރިން އަޅުގަނޑުމެންނަށް އެބޭފުޅުންގެ ގަޔަކުން މާ މީރުވަހެއް ނުދުވާ، އެއީ ޗަކަސްފެނުން ފެންވަރަން ޖެހޭތީ، މިއަދު ރީތި ފެނުން ފެންވަރަނީ،" ކަމަށެވެ.
މެންބަރު ރާޝިދުގެ ވާހަކަ އެހިސާބަށް ދިއުމުން ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލިޔާސް ލަބީބު ނިޒާމީ ނުކުތާ ނެންގެވިއެވެ. ވިދާޅުވީ، ދިވެހި އަންހެން ބޭފުޅުންނަށް މުހާތަބުކޮށް އެހާ ބޭއަދަބީ ބަހެއް ބޭނުން ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.
މެންބަރު އިލިޔާސް ލަބީބު ނެންގެވި ނިޒާމީ މައްސަލައާ ގުޅިގެން، މެންބަރު ރާޝިދުގެ ވާހަކަ ހުއްޓުވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، "ކޮމަންޑޫ ދާއިރާގެ މެންބަރު، ވާހަކަފުޅު ދައްކަވާއިރުގައި ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން،" ކަމަށެވެ.
އެ ކަމާ ގުޅިގެން މެންބަރު ރާޝިދު ވާހަކަ ނިންމަވައިލެއްވުމަށް މަޖިލިސް ރައީސް އިތުރު ފުރުސަތެއްވެސް ނުދެއްވިއެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ޝަކުވާވެސް ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު