އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މައްސަލައިގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފަށަން ސިވިލް ކޯޓުން ނިންމައިފިއެވެ.

މީގެކުރިން މި ޝަރީއަތް ފަށަން ތާވަލު ކޮށްފައިވަނީ މިއަދަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މައްސަލަ ތިން ފަރާތަކުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓަށް ބަލައިގެންފައި ވަނީ، އަލީ އަމްޖަދު ނަމަކަށް ކިޔާ މީހަކު ހުށަހެޅި މައްސަލަ އެވެ. އެއީ އެހެން މައްސަލަތަކުގައިވެސް އެދިފައިވަނީ އެއްކަމަކަށް އަމާޒުކޮށްގެން ކަމަށްވާތިއެވެ.

އެ މައްސަލައިގެ އަޑުއެހުން ފަށަން ކުރިން ހަމަޖައްސާފައި އޮތީ، މިއަދު ހެނދުނު 10:00 އަށެވެ. ނަމަވެސް އެ އަޑުއެހުން ދެން އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:15 ގައި ކަމަށް ނޯޓިސް ވަނީ ފޮނުވައިފައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ރައީސް ސޯލިހު ވަނީ ރައީސް ނަޝީދާ ވާދަކުރައްވައި ކާމިޔާބުކުރައްވައިފައެވެ. އެ އިންތިހާބުގައި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ހުއްޓުވުމަށާއި ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ނަޝީދުގެ ފެކްޝަނުން ވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ ފެކްޝަންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި ޕޮލިސް ބޯޑުގެ މެންބަރެއް ކަމަށްވާ ހާމިދު އަބްދުލްޣަފޫރެވެ. އޭނާ ހުށަހެޅުއްވި އެ މައްސަލައިގައި ވަކާލަތު ކުރައްވާނީ ނަޝީދުގެ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރެއްވި ދިޔާނާ ސައީދެވެ.