ކުރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރަން ނިންމައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިމަހުގެ 23 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރިމިނަލް ކޯޓް ހިންގަމުން އަންނަ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން އެ އިމާރާތުގެ އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި އެއީ ބޭނުން ކުރަން އެއްވެސް ވަރަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް އެ ފަރާތްތަކުން އިރުޝާދު ދީފައިވާ ކަމަށެވެ.
އެހެންވެ، ކުރިމިނަލް ކޯޓުގެ ހަތަރު ބުރީގެ އިމާރާތް ބޭނުންކުރުން ހުއްޓާލުމުގެ އިތުރުން ކޯޓުން ބޭނުން ކުރަމުން އަންނަ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި ކޯޓުގެ ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި ގޭގައި މަސައްކަތް ކުރުމާއި ޝިފްޓު ޑިއުޓީގެ އުސޫލުން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް، ކުރިމިނަލް ކޯޓު ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
"ކުރިމިނަލް ކޯޓުގެ އިމާރާތުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް ފެސިލިޓީއަށް ހިންގި އިމާރާތް، ކުރިމިނަލް ކޯޓު ހިންގުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފަ، އަދި އެ އިމާރަތް ބަދަލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ދާކަމުގައި ދަންނަވަމެވެ،" ޑީޖޭއޭއިން ބުންޏެވެ.
ކުރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތުގައި ހިމެނޭ ހަތަރުބުރީގެ ބާ އިމާރަތަކީ ވަރަށް ބޮޑަށް ބާވެ އަދި ހަލާކުވެފައިވާ އިމާރާތެއް ކަމަށާއި އެ އިމާރާތް ބޭނުން ކުރުމަކީ ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމަށް ޑީޖޭއޭއިން ބުންޏެވެ.
ޑީޖޭއޭއިން ބުނީ އެ އިދާރާއިން އެންމެ އިސްކަމެއް ދެނީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު