ރޯދަ މަހަށް ހާއްސަކޮށްގެން މާލެ ސިޓީ ކައުންސިލުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުޅުވަން ނިންމާފައިވާ ވަގުތީ މާރުކޭޓުން ގޮޅި ދޫކުރަން ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އަންނަ މަހުގެ 22 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ އެ މާރުކޭޓުން ގޮޅި ދޫކުރާނީ 50 ދުވަހަށް ކަމަށެވެ. ގޮޅިއަށް އެދޭ ފޯމް ފުރުމަށްފަހު ހުށަހަޅަންޖެހޭނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ހުޅުމާލެ ސެކްޝަނަށެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން، ވަގުތީ މާރުކޭޓުން ގޮޅި ދޫކުރާނީ އުމުރުން 18 އަހަރުން މަތީގެ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ. އަދި ބިދޭސީންނަށް ގޮޅިތަކުގައި އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމެއް ކަމަށް ބުނެފައިވެއެވެ.
އިއުލާނުގައި އިތުރަށް ބުނީ، ގަވާއިދާ ހިލާފަށް ގޮޅި ހިންގާ ފަރާތްތައް 200 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށާއި އެކަން ތަކުރާރު ކޮށްފިނަމަ އިތުރު ފުރުސަތެއް ނުދީ ގޮޅި އަތުލާނެ ކަމަށެވެ.
ރޯދަމަހަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިދިޔަ އަހަރުވެސް ވަގުތީ މާރުކޭޓު ހުޅުވިއެވެ. އެތަން ހުޅުވީ އެޗްޑީސީގެ ފަރާތުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު