ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ފަށައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސާޖަންޓް އަދި އެއަށްވުރެ މަތީ ރޭންކުގެ އޮފިސަރުންގެ ތެރެއިން ސެޓިފިކޭޝަން ތަމްރީނު ފުރިހަމަކޮށްފައިވާ އޮފިސަރުންނަށް ޓޭޒާ ގަން ގެންގުޅުމާއި ބޭނުންކުރުމުގެ އިހްތިޔާރު ފުރަތަމަ ފަހަރަށް ލިބިގެންދާނެ ކަމަށެވެ.

ހަމީދު ވިދާޅުވީ ޓޭޒާ ގަން ގެންގުޅެނީ ގޭންގުތަކާ ދެކޮޅަށް ފުލުހުން އުފެއްދި އާ ޑިޕާޓްމެންޓެއް ކަމަށްވާ ހައި ވިޒިބިލިޓީ ޕޮލިސް ޓީމުގެ ފުލުހުން ކަމަށެވެ. އެ ޓީމުގެ މަގުމަތި ޕެޓްރޯލް ކުރާއިރު ޓޭޒާ ގަން ގެންގުޅޭނެ ކަމަށެވެ،

ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ހަމަޖެހިފައިވާކަން ފުލުހުން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެފަހަރު ހަމީދު ވިދާޅުވެފައިވަނީ ކުށުގެ ނުރައްކާތެރިކަމާއި ސަލާމަތީ ގޮތުން ހުރި ގޮންޖެހުންތަކަށް ބަލާއިރު، ފުލުހުން ވާން ވާނީ އެފަދަ ނުރައްކާތެރި މާހައުލުތަކުގައި މަސައްކަތް ކުރަން އެންމެ އެކަށީގެންވާ މިންވަރަށް ތައްޔާރުވެފައިވާ ބަޔަކަށް ކަމަށެވެ. އަދި ނުރައްކާތެރި ހާލަތްތަކަށް ފެތޭނެ އެކަށީގެންވާ ހަތިޔާރާއެކު ހަރަކާތްތެރިވާ ބަޔަކަށް ފުލުހުން ވާން ޖެހޭނެކަމަށް ހަމީދު ވިދާޅުވެފައިވެއެވެ.

ޓޭޒާ ގަން ބޭނުންކުރަނީ ޒިންމާދާރުކޮށްކަން ކަށަވަރުކުރުމަށްޓަކައި ޓޭޒާ ގަން ބޭނުން ކުރާ ފުލުހުން ބޮޑީކެމެރާ ހަރުކުރާނެ ކަމަށް ހަމީދު ވިދާޅުވެފައިވެއެވެ.

ޓޭޒާ ގަންއަކީ ކަރަންޓު ހަށިގަނޑަށް ޝޮކެއް ދޭ ބަޑިއެކެވެ. ޓޭޒާ ގަން ޖެހުމުން ފަސް ސުކުންތައް އޭގެ އަސަރު އެމީހެއްގެ ހަށިގަނޑުގައި ހުރެއެވެ. އަދި ޓޭޒާ ގަން ޖެހުމުން އެމީހަކު ވަގުތުން ބިން މައްޗަށް ވެއްޓޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. ދިވެހި ފުލުހުންގެ އަތުގައި 25 ޓޭޒާ ގަން އެބަހުއްޓެވެ.