މާލޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ ގާތިލު އަބްދުﷲ ޒުހެއިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އަޒްލީނާ މަރާލާފައިވަނީ 2001 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހުއެވެ. މި މައްސަލަ ޒުހެއިރުގެ މައްޗަށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށް ލާފައިވަނީ 2002 ވަނަ އަހަރުއެވެ. ނަމަވެސް ހުކުމް ތަންފީޒުކޮށް ނުނިމެނީސް، ހުކުމް ކުރިތާ 11 އަހަރު ފަހުން ޒުހެއިރު ވަނީ މިނިވަންވެފައެވެ.

ޒުހެއިރު މިހާރު ދިރިއުޅެމުން އަންނަނީ ކ. ދިއްފުށީ މީހަކާއި އިނދެގެން އެރަށުގައެވެ.

ދިއްފުށިން "ވަން"އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ، ޒުހެއިރު މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 11:45 ހާއިރު ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އަތިރިމަތީގައި ހުރި ޖޯއްޔެއްގައި ކަމަށްވެސް ބުންޏެވެ.

އެމީހާ ބުނީ ޒުހެއިރުގެ ހަށިގަނޑު މިހާރު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ. މިއީ އާންމުކޮށްވެސް އޭނާ އާއި އެރަށު ގިނަ ބަޔަކު ދާ ޖޯއްޔެއް ކަމަށްވެސް އެމީހާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް ދިއްފުއްޓަށް ވަނީ ގޮސްފައެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް "ވަން" އިން ފުލުހުންގެ މީޑިއާއަށް ގުޅުމުން ބުނީ ޗެކް ކޮށްލާފައި ޖަވާބެއް ދޭނެ ކަމަށެވެ. އެކަމަކު މި ހަބަރު ޝާއިއުކުރި އިރުވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ ގުރޫޕުގައި ފަހުން ހިއްސާކުރި މެސެޖެއްގައި ބުނީ ދިއްފުށީ އުތުރުފަރާތު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި ހަބަރު ހުސްވެފައި އޮއް މީހަކު ފެނިގެން މިއަދު 12:20ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އޭނާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މަރުކަޒުން މައުލޫމާތުދީފައިވާ ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.