މާލޭ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މިހާރު ހިންގަމުންދާ މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައިވަނީ މާލޭގައި ހަރަކާތްތެެރިވާ ހަތަރު ގޭންގަކާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ، މާލޭގެ ފިހާރައެއްގެ ތެރޭގައި ރޭ މީހެއްގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައި އަދި ހުޅުމާލޭގައި ހިންގާ "ޖޫސް ޓައިމް" ކެފޭއަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫނު ނިވާކޮށްގެން ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ވަދެ އެތަނަށް ބޮޑެތި ގެއްލުންތަކެއް ދިނުމާ ގުޅިގެން އޮންލައިން ނޫސް "އަދަދު" އަށް ދެއްވި އިންޓަވިއު އެއްގައެވެ.

އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދަން "ވަން" އިން ސީޕީއަށް ގުޅައި މެސެޖު ކުރި ނަމަވެސް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި އެ މައްސަލަތަކާ ގުޅިގެން ފުލުހުންގެ މީޑިއާއަކުންވެސް އެއްޗެއް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ސީޕީ ހަމީދު "އަދަދު" އަށް ވިދާޅުވި ގޮތުގައި މާލޭގައި ހިންގާ މާރާމާރީތައް ގުޅިފައިވަނީ މިދިޔަ ޖެނުއަރީ 16 ގައި ކެފޭއެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ޖެހުނު މައްސަލައަކާއެވެ.

އެގޮތުން މި ފަހުން މާލެ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުން ދާ ނުރައްކާތެރި މާރާމާރީތަކަކީ 'ކުޑަހެންވޭރު' އާއި 'އެންސީ' ކިޔާ ދެ ގޭންގަކުން ހިންގާ މާރާމާރީތަކެއް ކަމަށާއި ހުޅުމާލޭގައި ވިޔަފާރި ހިންގާ ތަނަކަށް އަމާޒުކޮށް ގެއްލުންދިން ދިނުމަކީ 'މަސްއޮޑި' އާއި 'ވައިކަންމަތި' އާދެމެެދުގައި ޖެހިގެން އުޅޭ މައްސަލައަކާ ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެ މައްސަލަތަކާ ގުޅިގެން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މާރާމާރީ ހިންގުމަށްފަހު އެ މީހުން ފިލަން ވަންނަ، ހަތަރު ތަނެއް ބަލައިފާސްކޮށް ހަތިޔާރު ހޯދައި އަތުލައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.