ވާހަކަ

ދީވާނާ ހިތް - 30

ދައްކަން އުޅުނު ވާހަކަތައް މަތިން ތިއާ ހަނދާންވީ މާޝިތާ އެވާހަކަ ދެއްކުމުންނެވެ. ވާހަކައެއް ދައްކަން ރޭގައި އޭނާއަށް ވަގުތުވެސް ނުވީއެވެ.

*********

ނިދުމުގެ ކުރިން ނަޒާން މަންޝާއަށް ގުޅިއެވެ. އެ ފޯނަށް މަންޝާ ޖަވާބެއް ނުދިނެވެ. ނަޒާން މެސެޖްވެސް ކުރިއެވެ. މަންޝާގެ ހަބަރެއް ނުވިއެވެ. އިތުރަށް ގުޅައިގެން އެވަގުތު މަންޝާއަށް އޭނާ އުނދަގު ކުރާހިއް ނުވިއެވެ. އޭނާ އެވަގުތަށް ހިތްހަމަޖައްސާލީ މަންޝާގެ ފޮޓޯއަށް ބަލައިލާފައެވެ. ބާލީސް މަތީގައި ބޯއަޅާލިގޮތަށް ވިސްނުމުގެ ދުނިޔެއަކަށް އޭނާގެ ހިތާއި ސިކުނޑި ގެއްލިއްޖެއެވެ. މަންޝާއަކީ އޭނާގެ ހާސިލްކުރަން ބޭނުންވާ ލޯތްބެވެ. ތާއަބަދު އެކުގައިވުމަށް އެދޭ ބައިވެރިޔާއެވެ. މަންޝާ އެދަނީ ހަޔާތެއް ފަށަން ތައްޔާރުވަމުންނެވެ. އެކަން އެގޮތަށް ވިއްޔާ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ އެނގޭ އެއްޗަކީ އޭނާއަށް މަންޝާގެ ފަހަތުން ދުރަށް ނުދެވޭނެކަމެވެ. އޭނާގެ ހިތަށް ވަނީ މަޖުބޫރުވެފައެވެ. ނުވިސްނެނީ މަންޝާއަށެވެ. ފަހަތުން ފިރިހެނަކު އާދޭސްކުރަމުން ލޯތްބަށްއެދޭއިރު ހަމަކުޑަކޮށްވެސް ވިސްނާނުލައެވެ.

އެސްފިޔައަށް ބަރުވެ ނިދީގެ ތެރެއަށް ގެންބިގެން ދަންދެން ނަޒާން އޮތީ އެކަހަލަ ވިސްނުންތަކެއްގެ ތެރޭގައެވެ.

*******

ފަތިހާ ހޭލަންޖެހޭކަން އެނގޭއިރުވެސް ނާޔާގެ ލޮލަށް ނިންޖެއް ނައެވެ. އެހެންޏާ އޭނާއަކީ ސްކޫލަށްދާންޖެހޭ ދުވަސްތަކުގައި ދިހައެއްގެ ކުރިން ނިދާ ކުއްޖެކެވެ. މިއަދު އޭނާއަށް އުނދަގޫ ކުރަމުން ދަނީ ތިއާ ދެއްކި ވާހަކަތަކެވެ. މަޔަކު ދަރިއަކަށް ދޭނެހާ ލޯބިން ތިއާ އޭނާއަށް ވިސްނައިދީފިއެވެ. އޭނާއަށް ހީކުރެވުނީ ގޯސްކޮށެވެ. ތިއާއަށް ހުރިހާކަމެއް އެނގިއްޖެއެވެ. އޭނާގެ ލޯބިވެރިޔާއަކީ ކާކުކަން ނޭނގުނަސް ހަށިގަނޑުން ނިޝާންތަކެއް ފެނުނު ވާހަކަ ބުންޏެވެ. އެވާހަކަ ތިއާ ބުނި ވަގުތު އޭނާ ލަދުވެސްގަތެވެ. ދެރަވެ ތިއާގެ ކިބައިން ނާޔާ މައާފަށްއެދުނެވެ. ދެން އެފަދަ އަމަލެއް ނުހިންގާނެ ކަމަށް ބުންޏެވެ. އެކަމަކު އެހެންވާނެ ހެއްޔެވެ؟ ޒަރޫކް ހުންނަނީ އޭނާ ލޮލަށް ނުފެނިގެންނެވެ. ގާތްވެވުނީވެސް ލޯބިވާވަރުންނެވެ.

އެކަމަކު.... ނާޔާ އަނެއްފަރާތަށް ފޮރޮޅިލިއެވެ. ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ކުއްލިއަކަށް ހިތަށް އައިސް ވަނީ ތިއާ ބުނެލި ދެން ތިން ޖުމްލައެވެ.

"މާދަމާ ވާނެ ގޮތެއް އެނގެނީ ކާކަށް؟ ކިހިނެއް އެނގެނީ ބުނަން މިއަދު އަހަރެމެން ލޯބިވެގެން ރައްޓެހިވެގެން ގާތްކޮށްގެން އުޅޭ މީހާއާ ކަމެއް އަހަރެމެންނަށް އިނދެވޭނީ. ކިހިނެއް އެނގެނީ ތަގުދީރުގަ ވާން ހުރި ކަންކަން. އެއީ ޣައިބުގައިވާ ކަންކަން ދޫންޏާ. އަންހެންކުއްޖެއްގެ އިއްފަތްތެރިކަމަކީ އެކުއްޖެއްގެ އަތުގައިވާ އެންމެ އަގުބޮޑު ހަޒާނާއަކީ. އެކުއްޖެއްގެ ހަޔާތަށް ފިރިހެނަކު ނާންނަހާ ހިނދެއްގައި އޭގެ ތަޅުދަނޑި ބާއްވަން ޖެހޭނީ އެއްވެސް މީހެއްގެ އަތް ނުފޯރާ ހިސާބެއްގައި. މީހަކު ބުނާހާ އެއްޗަކަށް އަހަރެމެން ހެއްލެންވެއްޖިއްޔާ ކޮބާ ސަލާމަތަކީ؟ ބުނަންތަ؟ ތިމާއަށް ހެޔޮއެދޭ ހަގީގަތުގައިވެސް ތިމާ އާ ކައިވެނިކުރަން އެދޭ މީހަކު ކައިވެނީގެ ކުރިން ޖިސްމުގައި ނުބީހޭނެ. އެމީހަކު ބަލާނީ ތިމާގެ ހިތުގައި ބީހެން. ވިސްނާލަބަލަ... ކައިވެނީގެ ކުރިން ދެމީހަކު ބޭނުންގޮތަކަށް އުޅެފަ ކައިވެނީގެ ފަހުން އެމީހުން ކުރަން އާ ކަމަކަށް އޮންނާނީ ކޮންކަމެއް. އެރެއަކީ ކޮންމެ އަންހެންކުއްޖަކަށްވެސް ވަރަށް ހާއްސަރެއަކަށްވާނެ. ތިމާއަކީ އިތްފަތްތެރި އަންހެނެއްކަން ފިރިމީހާއަށް އެނގޭ ހިނދު ފިރިމހާގެ ހިތުގައި އެ އަންހެނަކަށްޓަކައި އެތައް ލޯތްބަކާއި ގަދަރެއް އުފުލިގެންދާނެ. ހުދު އަމިއްލަ މީހާއަށްވެސް އެ އުފާވެރިކަން އިހުސާސްވާނެ"

ނާޔާ ސިކުނޑިން އެބަސްތައް ނުކުންނަގޮތެއް ނުވިއެވެ. އޭނާއަށް އެބަސްތައް ގބޫލުކުރެވުނެވެ. ޒަރޫކްގެ ވިޔާނުދާކަން އިހުސާސްވިއެވެ. ޒަރޫކް އޭނާދެކެ ލޯބިވާނަމަ އެގޮތަށް ކަންތައް ނުކުރީހެވެ. ނާޔާ ގޮތެއް ނިންމިއެވެ. އޭނާގެ ޖިސްމުގައި ބީހޭކަށް އޭނާ ދެން ޒަރޫކަށް ފުރުސަތެއް ނުދޭނެއެވެ. ގުޅުން ކަނޑާލާކަށް ބޭނުމެއް ނުވެއެވެ. ޒަރޫކަށް އޭނާ ވިސްނައިދޭނެއެވެ. ލޯބިވަންޏާ ޒަރޫކް ޖެހޭނީ ކައިވެނި ކުރެވެންދެން މަޑުކުރާށެވެ.

އެންމެފަހުން ނިދުނު އިރެއް ހުދު ނާޔާއަކަށްވެސް ނޭނގެއެވެ.

*********

މަންޝާ ފެނުމާއެކު ޝައިހާން ހީލިއެވެ. އެތައް އިރަކު މަންޝާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެޑްމިން ބަޔަށް ސޮއިކުރަން އައިގޮތަށް ޝައިހާން ނުދިޔައެވެ. އޭނާ ފޮނުވާލަކަށް މަންޝާ މަސައްކަތެއް ނުކުރެއެވެ. ޝައިހާން ވާހަކަދައްކާލަން ބޭނުންވާނެކަން މަންޝާއަށް އެނގެއެވެ.

"އިހަށް މަޑުކޮށްބަލަ" ޝައިހާން ތެދުވެގެން ދާން އުޅެނިކޮށް މަންޝާ ބުންޏެވެ. ޝައިހާން ހައިރާންވެފައި ބަލައިލިއެވެ. މަންޝާ އިނީ ޝައިހާންގެ އަތުގައި ހިފަހައްޓައިގެންނެވެ. މަންޝާ މަޑުކުރީ ސޮއިކުރަން ހުރި ނަވާލް ދަންދެކައެވެ.

"އޭ... ތީ... ތީ ކޮންކަމެއް އަނެއްކާ" ޝައިހާންގެ އަތުގައި މަންޝާ ހިފަހައްޓައިގެން ހުއްޓައި ފެނުމުން ޔުމްނާ ބުންޏެވެ.

"އަހަރެން މިއުޅެނީ މެރީކުރަންވެގެން. ވަރަށް އަވަހަށް" މަންޝާ ބުންޏެވެ. އެ އަޑު ނުކުންނަންދިޔަ ނަވާލަށް އިވުނެވެ. އެހެންނަމަވެސް އޭނާ އަޅައެއް ނުލައެވެ.

"އެހެންތަ. ކޮންގްރާ... އަނެއްކާވެސް ސައިކޮޅެއް ލިބެން އުޅެނީތާ ދޯ" ޔުމްނާ ބުންޏެވެ.

ހީލާފައި މަންޝާ އާއި ޝައިހާން ނުކުތެވެ. ސައިބޯން ކެންޓީނަށް ދިޔުމުގެ ބަދަލުގައި ދެޒުވާނުން ނުކުތީ ބޭރަށެވެ. އޮފީސް ކައިރީގައި ހުރި ކެފޭއަކަށް ދެ ޒުވާނުން ބުންޏެވެ. ދަތުރަށްފަހު މަންޝާ ގާތްވެއްޖެހެން ޝައިހާނަށް ހީވިއެވެ. މަންޝާގެ ފަހަތުން ގޮސް ގޮނޑީގައި އިށިންއިރު ޝައިހާން ހުރީ ހިތްހަމަޖެހިފައެވެ.

"މީ އަހަރެންދޭ ސައެއް އިނގޭ" މަންޝާ ބުންޏެވެ.

"ނަވާލާ ދެމީހުން އެއް ގެއެއްގަތަ އުޅުނީ" ޝައިހާން ބުންޏެވެ.

ޝައިހާން ކުރި ސުވާލަށް މަންޝާ ޖަވާބުދިނީ ގެންނަންވީ އެއްޗިއްސަށް އޯޑަރު ދިނުމަށްފަހުގައެވެ.

"ތިއީ ކޮންވާހަކައެއް. އެކީގަ ދިޔަ ބައެއް އުޅޭނީ އެކީގައެއްނު. އަހަރެން އެންމެފަހަރަކުވެސް އޭނާ އާ އަނގައިން ބުނެފައެއް ނޯންނާނެ. އެކަމަކު ދެ އާއިލާ ގުޅިފައި އޮތީމަ ކުރިއަށް އޮތް ތަނުގައި އަނގައިން ނުބުނެވެސް ނުހުރެވޭނެތާ" މަންޝާ ބުންޏެވެ. ޝައިހާން ހީލިއެވެ.

"މަން އާ އެހެން ފިރިހެނަކު ގާތްވުމަކީ މަށަށް ކެތްކުރެވޭނެވަރުގެ ކަމެއްނޫން. ތިއީ މަގޭ މީހެއް" ޝައިހާން ބުންޏެވެ. މަންޝާއަށް ހީނލެވުނެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑީގައި ކުޅެލީ ރަށުގައި ނަޒާނާ އެކު ހޭދަކުރެވުނު ވަގުތުކޮޅެވެ. އެއީ ކިހިނެއްވީ ކަމެއްކަން އޭނާއަށް ނޭނގެއެވެ. އެކަން ފެށުނުގޮތެއް ނިމުނުގޮތެއްވެސް ނޭނގެއެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. އެއީ އޭނާ ހަނދާން ކުރަން ބޭނުންވާ އިންސާނެއް ނޫނެވެ. އަމުދުން އޭނާ އެމީހަކާ ކައިވެނިކުރަން ބޭނުންވާ މީހަކު ކުރިމަތީގައި އިންދައެވެ.

"ކިހިނެއްވީ؟ ގޯސްއެއްޗެއްތަ މިބުނެވުނީ" މަންޝާއަށް ވިގޮތް ފެނުމުން ޝައިހާން އެހިއެވެ. މިފަހަރުވެސް މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.

މަންޝާ ވިސްނާލިއެވެ. ނަޒާންގެ ވާހަކަތައް ޝައިހާނަށް ކިޔައިދޭންވީ ހެއްޔެވެ؟ މަންޝާއަށް ގޮތެއް ނުނިންމުނެވެ. އެވާހަކަތައް ދައްކަން ހިތް އެއްބަސްނުވުމުން އޭނާ އެ ވިސްނުން ދޫކޮށްލިއެވެ.

"މިރޭ ޑިނަރ އަށް އާދެވޭނެތަ؟" މަންޝާ ބުންޏެވެ.

"ކޮންތާކަށް؟ ތިގެއަށްތަ؟" ޝައިހާން އެހިއެވެ.

މަންޝާ ބޯޖަހާލިއެވެ. ވީއުފަލުން ޝައިހާން މޫނުގައި އަތްއެޅިއެވެ. މަންޝާ މިލްކުވާން އުޅޭކަން ގަބޫލުކުރަން އޭނާއަށް ދަތިވިއެވެ.

"މެރީކުރާ ވާހަކަދައްކަންތަ؟ ސީރިޔަސްކޮށްތަ ހަމަ" ޝައިހާން އެހިއެވެ.

"އާއެނކޭ... ވަރަށް ރީތިކޮށް ތައްޔާރުވެގެން އަންނައްޗެ. ގޭ އެންމެން ތިބޭނެ. މަންމަވެސް ގޮވައިގެން އަންނައްޗޭ"

ޝައިހާންގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައީ އެވަގުތުއެވެ. މަންޝާއަށް ދޭނެ ޖަވާބެއް ޝައިހާން ވިސްނާލިއެވެ. ސަމާހާ ގޮވައިގެން ގޮސްގެން ހުރިހާ ކަމެއް ދާނީ ފެނަށެވެ. އެހެންނަމަވެސް އެވަގުތު އޭނާ އެކަމަށް އެއްޗެއް ނުބުންޏެވެ. ބޯޖަހާލާފައި އެވަގުތަށް ފުއްދާލިއެވެ.

********

ކޮފީ ކޯނާއަށް ހައިކާ ވަދެގެން އައިއިރު މޭޒުކައިރީގައި އިން ނަޒާން ފެނިއްޖެއެވެ. ކައިރީގައި ހުރި ރައްޓެހި އަންހެންކުއްޖާ ކައިރީގައި ބުނެލާފައި ހައިކާ މިސްރާބުޖެހީ ނަޒާނާ ދިމާލަށެވެ. ނަޒާނަކީ އެއްވެސް އިރެއްގައި އެކަނި އައިސް ކޮފީ ބޯން އިންނަ ޒުވާނެއް ނޫނެވެ. ނަޒާން އެހެން އިންނާނީ ކަމެއްވެފަކަން ހައިކާ އަށް އެނގެއެވެ.

"ހޭއި ބަޑީ..." ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ހައިކާ ބުންޏެވެ.

"ހައިކާތަ؟ ޑިއުޓީ ބަދަލުކުރީތަ؟ އަންމަޑޭ ސަރ ބުނި ހައިކާ އިއްޔެވެސް ހެނދުނު ޑިއުޓީއޭ" ނަޒާން ބުންޏެވެ.

"އުނހު ބަދަލެއް ނުކުރަން. މިދުވަސްކޮޅު ގޭގަ އެކަނި މިއުޅެނީ. އީދަށް ރަށަށް ދިޔަ ގޮތަށް އެގޭ ދައްތަމެން އަދި ނާދޭ. ފޫހިވާތީ ނުކުތީ" ހައިކާ ބުންޏެވެ. "ތިއެއް ނޫނޭ. މި ކޮފީތަށި މިހުރީ ފެނަށްވެފައެއްނު. ހިނގާ ކޮފީ ގެންނަމާ"

ކޮފީ ހަދަން ދިޔައީ ހައިކާއެވެ. ދެ ކޮފީތަށި ހިފައިގެން އައިސް އެއް ތަށި ނަޒާނަށް ދިއްކޮށްލިއެވެ. އޭނާ ވާހަކަފެށީ ދެނެވެ.

"ދެން ކިޔާބަލަ. އެކަނި ބޯގޮއްވާކަށް ނުވާނެ. ޒާން އާއެކު އަހަރެން މިހުރީނު ބޯގޮއްވަން" ހީލަމުން ހައިކާ ބުންޏެވެ.

"ވިސްނެނީ. ހައިކާ. މަގޭ މޫނަށް ބަލައިލަބަލަ. އަހަރެންގެ ނެތްތަ ރީތި ސިފައެއް. ބަލާލަން ހަޑިތަ؟ އިސްކޮޅުން ކުރުތަ؟"

"ތެދެއް ބުނަންތަ؟ އެއްވެސް މީހަކީ އެމީހެއްގެ ޒާތުގައި ހުތުރު މީހެއް ނޫން. އަދި އަމުދުން މަށަށް ޒާން ހުތުރުވާނެތަ؟" ހައިކާ ބުންޏެވެ. ދެން ހީލާފައި ކޯފީތަށިން ކޯވަރެއް ދަމާލިއެވެ.

"ހައިކާ ތިހެން ބުނީމަ އަހަރެން ހިތްހަމައެއްނުޖެހޭ. ކީއްވެ މަންޝާއަށް އަހަރެން ކަމުނުގޮސްގެން އެ އުޅެނީ. ކީއްވެ އަހަރެން ލޯބިވާ އަންހެންކުއްޖާ ހޯދަން މިހާ އުނދަގުވެގެން މިއުޅެނީ. އަހަރެންގެ ހިތް ބުނަނީ ވަރަށް އަވަހަށް އަހަރެންނަށް މަންޝާ ގެއްލިދާނޭ. އަހަރެން ވަރުބަލިވެއްޖެ. ހިތްވަރު އެބައެލޭ. މާޔޫސްވާކަހަލަ އެއްޗެހި ހިތަށް އެބަ އުނދަގުކުރޭ. ހީވަނީ ޑިޕްރެޝަނަށްވެސް ހިނގައިދާނެހެން. މިހެން އެކަނިން އިންނައިރު ވަރަށް ފާޑުފާޑުގެ އެއްޗެހި ހިތަށްއަރާ"

ހައިކާ އިސްޖަހާލިއެވެ. ނަޒާންގެ އެހާލަށް އޭނާ ދެރަވިއެވެ. އޭނާދެކެ ނަޒާން އެހާ ލޯބިވާނެ ނަމައެވެ.

"މަންޝާއަށް ނުވިސްނެނީ ކަންނޭނގެ. އެއްވެސް އަންހެންކުއްޖަކު ޒާންއަށް ނޫނެކޭ ނުބުނާނެ. އަހަރެން ވާހަކަދައްކަންތަ؟"

ހައިރާންވެފައި ހައިކާއަށް ނަޒާން ބަލައިލިއެވެ. އެއީ ރަނގަޅު ހިޔާލެއް ހެއްޔެވެ؟ އޭރުން މަންޝާއަށް ވިސްނޭނެ ހެއްޔެވެ؟ އޭގެ އަނެއްކޮޅުވެސް އެބައޮތެވެ. ހައިކާ އަކީ މަންޝާއަށް ބީރައްޓެއްސެކެވެ. ނަޒާންގެ ސައިޑުން ވާހަކަދައްކަން ހައިކާ ފޮނުވައިގެން އިތުރަށް މަންޝާ ފޫހިވެސްވެދާނެއެވެ.

"ނޫނީ އަހަރެން ދީފާނަން ހިޔާލެއް" ހައިކާ ބުންޏެވެ.

"ޒާންގެ މައިންބަފައިން އެގެއަށް ފޮނުވަންވީނުން. މަންޝާ ކައިރީގައި ބުނާނެ ކަމެއްނެތް. ދެފަރާތުގެ މަންމަމެން ވާހަކަދައްކާފަ ގޮތެއް ނިންމާނީ. އޭރުން ފަހަރެއްގަ މަންޝާއަށް އިހުސާސްވެދާނެ ޒާން ލޯބިވާވަރު"

"ތިއީ މޮޔަ ހިޔާލެއް. މަންޝާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. ވަރަށް އަވަހަށް އެކުއްޖާ އާ މެރީކުރާނަމޭ ކިޔާފަ އަހަރެންގެ ހިތަށް ތަދުކުރުން ނޫންކަމެއް ނުކުރޭ. ބައެއްފަހަރު ހިތްރޯންފަށާ ވަރު ކުރޭ. އަހަރެން ހުންނަނީ ހިނިއައިސްފަ. އަހަރެންނަށް ކީއްވެތަ މިހާވަރަށް މަންޝާއަށް އެދެވެނީ" ނަޒާން ބުންޏެވެ. މޭޒުގައި ބޯއެޅުނު ކަމެއް އޭނާ ނުދެނަހުއްޓެވެ.

"އޭ ޒާން... ސަރމެން އެބަ ބަލާ" ހައިކާގެ އަޑު އިވުނެވެ.

******

ގޭތެރެއަށް މީހަކު ވަތްހެން ހީވުމުން ކާ މޭޒު ކައިރީގައި ހުރި ދިލްޝާދު ބަލައިލިއެވެ. އެވަގުތު ގޭގައި ހުރީ އޭނާ އާއި ޔަލާ އެވެ. މަންޝާ ފެނުމާއެކު ދިލްޝާދު ބަލައިލީ ދިމާލަށް ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިއަށެވެ. އެކެއް ޖަހައި ފަސްމިނެޓެވެ. ދެން ބަލައިލީ ހައިރާންވެފައި މަންޝާގެ މޫނަށެވެ. އެހެންޏާ މަންޝާއަކީ އެވަގުތު ގެއަށް އަންނަ ކުއްޖެއް ނޫނެވެ. އަނެއްކާ މަންޝާގެ ތޮބީއަތު ރަނގަޅު ހެއްޔެވެ؟

"އޫމްމމ... ހާދަ މީރު ވަހެއް" ދަބަސް ސޯފާމަތީގައި ބާއްވާފައި މޭޒާ ދިމާލަށް ދަމުން މަންޝާ ބުންޏެވެ. ބަދިގޭގައި އުޅުނު ޔަލާ ބަލައިލީ މަންޝާގެ އަޑަށެވެ.

"ދަރިފުޅު ރަނގަޅުތަ؟ ބަލީތަ؟" މަންޝާ އައިސް ހުއްޓުމާއެކު ނިތްކުރީގައި އަތުގެ ނުފުށް ޖައްސައިލަމުން ދިލްޝާދު ބުންޏެވެ.

"ރަނގަޅޭ... ހާދަ މީރުކޮށް ހާދަފަ ހުރި މަހެއް. މިއީ ކޮންކަހަލަ މަހެއްތަ މަންމާ" މޭޒުމަތީގައި ހުރި ތަށިތަކުގެ މަތިތައް ނަގަމުން މަންޝާ ބުންޏެވެ. ބަދިގެއިން ނުކުމެގެން އައިސް ހުއްޓުނު ޔަލާ ދިލްޝާދަށް ބަލައިލާފައި ހީލިއެވެ.

"ތިއީ މުށިމަސް. ތިހުރީ ތެލުލާފަ. ދޮންބެދައްތަ ހެދި މަހެއް ތިއީ. އެރަށުގަ ހަދާގޮތަށް ހަދާފަޔޯ ތިހުރީ. ދެން ބުނެބަލަ މިގަޑީގަ ކީއްކުރަން ތިއައީ. އޮފީހުގައި މަސައްކަތެއް ނެތީތަ؟"

މަންޝާ ވަގުލޮލުން ދިލްޝާދަށް ބަލައިލިއެވެ. އޭނާ އައީ ޝައިހާން ރޭގަނޑުގެ ކެއުމަށް އަންނާނެ ވާހަކަ ބުނާށެވެ. ޝައިހާނަށް ތައްޔާރީތައް ވާންވެގެން އޮފީހުން ބްރޭކެއް ނެގީއެވެ. މިއަދު އޭނާ ހުރީ ހިތްހަމަޖެހިފައެވެ. ބޭކާރު ވިސްނުމެއް އޭނާގެ ސިކުނޑީގައި ނެތެވެ. އަމުދުން ނަޒާން މަތިން ހަނދާންކޮށް ފިކުރުކުރަން އޭނާ ބޭނުމެއް ނުވެއެވެ.

"ބައްޕަ އާއި ދޮންބެ އަންނާނެތަ ކާން" މަންޝާ އެހިއެވެ. ފިނި ފެންތަށްޓެއް އަޅައިގެން އައިސް ގޮނޑިގައި މަންޝާ އިށީނެވެ. މޭޒުމަތި ތައްޔާރުކުރުމުގައި ދިލްޝާދާއި ޔަލާ އުޅުނެވެ.

"އެބައާދޭ ކާން. ދެން ދާންވީނުން އެއްޗެހި ބަދަލުކޮށްގެން އަންނަން" ދިލްޝާދު ބުންޏެވެ.

މަންޝާ އެރީ މައްޗަށެވެ. ނަޒާންގެ ކޯލު އަންނަން ފެށީ އޭނާ ސިޑިން އަރައިގެން ދަނިކޮށެވެ. އެ ފޯނަށް އޭނާ ޖަވާބުދިނުން މުހިންމު ނުވިއެވެ. ދެވަނަ ފަހަރަށްވެސް ނަޒާން ގުޅިއެވެ. ފޯނަށް ޖަވާބުނުދީ ހުރުން އެއީ ހައްލެއް ނޫންކަން އޭނާއަށް ވިސްނުނެވެ. އެންމެ ހީނުކުރާ ގަޑީގައިވެސް ނަޒާން ގެއަށްވެސް ވައްޓާލަފާނެއެވެ.

"އަހަރެން ބިޒީ. އެނގެއެއްނު އޮފީސް ގަޑިކަން" އެންމެފަހުން ފޯނު ނަގާފައި މަންޝާ ބުންޏެވެ.

*******

ކްލާސް ނިންމާފައި ނާޔާ ކައިރީގައި މަޑުކޮށްލުމަށް ޒަރޫކް ބުންޏެވެ. ނާޔާ މަޑުކުރިއެވެ. ޒަރޫކް އައިސް ވަނީ ކްލާސް ރޫމްތައް ހުސްވެ ތަން އަމާންވި ފަހުންނެވެ. ފުރަތަމަ އައިގޮތަށް ފަހަތުން އޭނާ ނާޔާގެ ގައިގައި ބައްދާލިއެވެ. ނާޔާގެ ކަންފަތްދަށުގައި ބޮސްދިނެވެ. ނާޔާ ދުރަށް ޖެހުނީ ކުއްލިއަކަށެވެ.

"ސޮރީ. ހަމަ ދުރުގަ ނުހުރެވުނީ" ޒަރޫކް ބުންޏެވެ. އޭރުވެސް ތިއާ ދެއްކި ވާހަކަތައް ނާޔާގެ ކަންފަތަށް އިވިއިވި ހުރި ކަހަލައެވެ.

"މިރޭ ނުކުމެވޭނެތަ؟ ޓިއުޝަން އޮންނާނެއްނު. އަހަރެން ރޫމެއްވެސް ހޯދައިފިން" ޒަރޫކް ބުންޏެވެ.

ނާޔާ ބަހެއް ނުކިޔައެވެ. ބުނެވޭ އެއްޗަކުން ޒަރޫކް ހިތްހަމަނުޖެހިދާނެހެން އޭނާއަށް ހީވިއެވެ. އޭނާ ސިހުނީ އޭނާގެ އަތްތިލައިގައި ޒަރޫކް ހިފުމުންނެވެ.

"ކިހިނެއް ތިއުޅެނީ. ޓީޗަރެއް އައިސްދާނެ. މިގަޑި މިއީ ކުނިކަހާ ދައްތަވެސް އަންނަ ގަޑި" ނާޔާ ބުންޏެވެ.

"ނާޔާއަށް ކިހިނެއްވެފަ ތިހުރީ. ބަލިވެފަތަ؟" ޒަރޫކް އެހިއެވެ.

"ނޫން. މިހާރު އިންނާނެ ބަލާ އައިސް. ދަނީ"

ނާޔާ ހިނގައިގަތެވެ. ނާޔާއަށް ބަދަލުތަކެއް އައިސްފައި ހުރިކަން ޒަރޫކަށް އެނގުނެވެ. ކޮންމެސް މީހަކު ނާޔާގެ ބޮލަށް އެރިއްޖެއެވެ. އެހެންނޫނީ ނާޔާގެ ވިސްނުން ބަދަލެއް ނުވާނެއެވެ.

"މިރޭ އަށްގަޑި ބަޔަށް އިނގޭ. އަހަރެން މެސެޖް ކުރާނަން ލޮކޭޝަން" ޒަރޫކް ބުންޏެވެ.

ނާޔާ ހުއްޓުނެވެ. ބޯޖަހާލާފައި އަނެއްކާވެސް ހިނގައިގަތެވެ.

"ފަސޭހައިން ރިމޫވް ކުރެވޭގޮތަށް ޑްރަސްކުރައްޗެ. އަހަރެން ވެއިޓްކުރާނަން"

ޒަރޫކްގެ އެ ޖުމްލައާއެކު ނާޔާއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. ތިއާ ދެއްކީ ހަގީގަތެއްކަން އޭނާއަށް ސާފުވިއެވެ. ޒަރޫކްގެ ނިޔަތް ރަނގަޅެއް ނޫނެވެ. އެހެންނޫނަމަ އަބަދު އަބަދު އެއްވާހަކައެއް ނުދައްކާނެއެވެ.

******

މަންޝާ ބުނި ޖުމްލައާއެކު ދިލްޝާދާއި މިހާދު އެކަކު އަނެކަކަށް ނަޒަރެއްދިނެވެ. މަންޝާ ގެންނަން އެ އުޅޭ މީހަކީ ނަޒާނޭ ހީވިއެވެ. އެކަކު އަނެކަކަށް މާނަފުން ހިނިތުންވުމެއް ބަދަލުކޮށްލީ އެހެންވެއެވެ.

"ދޮންބެގެ މަންކޮ ބޮޑުވީތަ؟ ހީވެސްނުވޭ" ޒަވީ ބުންޏެވެ. އެހިނދު މަންޝާ ހީލާފައި އިސްޖަހާލިއެވެ.

(ނުނިމޭ)